ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ، އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ތާއީދު ނުކުރާ ކަމަށް އިިދިކޮޅުން ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށް މަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ މެޖޯރިޓީގެ ނޫފޫޒާއި ބާރުގެ ބޭނުންކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުން އިސްލާހު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެ ވަގުތަކު މަޖިލީހަށް ހުށައެޅިފައިވާ ބިލެއް ނުވަތަ އެ ހުށައެޅިފައިވާ އިސްލާހެއް އެކަނި ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
"އިސްލާހެއް ހުށައެެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާހު ކުރެވުމަކީ، ނުވަތަ ހުށައެޅިފައިނުވާ މާއްދާއަކަށް ބަދަލު ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން. އަދި ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފާގަައިވެސް، މިހާރު މަޖިލީހަށް ހުށައެޅިފައިވާ އިސްލާހުން ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާ އަދި އެކަން ހައްލުކުރެވޭނީ ގާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާހުކޮށްގެން ނުވަތަ އަކުރެއް އިތުރުކޮށްގެންކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައިވޭ."
އިދިކޮޅުން ބުނީ މި ހާލަތުގައި ކުރިއަށް ދެވެން އޮތީ ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އައު ބިލެއް ހުށައަޅައިގެން ކަމަށެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާއިރު، ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް އަލަށް ހުށައެޅުނު ބިލްގައިވެސް އެ ކޯލިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވަނީ ބުނެފައެވެ. އެ ބިލް ބައްޓަންވެފައިވާ ގޮތުން ރައްޔިތުންގެ ބާރު ކެނޑި، ގާނޫނުއަސާސީގައި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެކަށީގެންވާ ވަގުތު ލިބި، މި މަސައްކަތް ނުނިމި އޮތީ މަޖިލީހުގެ ރިޔާސަތުގެ އިހުމާލުން ކަމަށްވެސް ތުހުމަތު ކޮށްފައެވެ.