ކްރިމިނަލް ކޯޓް

އޯޓިސްޓިކް ކުއްޖަކު ރޭޕްކުރި ޅިޔަނަށް 18 އަހަރުގެ ޖަލު ހުކުމެއް

Oct 20, 2022

އުމުރުން 15 އަހަރުގެ އޯޓިސްޓިކް އަންހެން ކުއްޖަކު ރޭޕް ކުރި މީހާގެ ކުށް ސާބިތު އޭނާ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ދައުލަތުން މިމައްސަލައިގައި ދައުވާ ކުރީ އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާ އަށެވެ.

އުމުރުން 37 އަހަރުގެ މި މީހާގެ މައްޗަށް ދައުލަތުން އުފުލީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

ޝަރީއަތުގައި ދައުލަތުން އެދިފައިވަނީ އެ މީހާއަށް އިއްވެން އޮތް އެންމެ ބޮޑު ހުކުމް އިއްވުމަށެވެ. ކުށުގެ އަދަބަކީ 18 އަހަރަށް ޖަލަށްލުމަށް ކަމަށްވީ ނަމަވެސް މައްސަލައިގެ ތަހުގީގުގައި އޭނާ ދެ އަހަރު ތިން މަހާއި 19 ދުވަސް ހޭދަކޮށްފައިވާތީ ޖަލު ހުކުމުގެ ގޮތުގައި އޭނާ ތަންފީޒުކުރަނީ
15 އަހަރާއި އަށް މަހާއި 11 ދުވަހެވެ.

މި މީހާ ވަނީ އަންހެން ކުއްޖާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގި ހުރެ 2020 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އެ ކުއްޖާ ރޭޕްކޮށްފަ އެވެ.

އިއްޔެ ކުރި ހުކުމްގައިވާ ގޮތުން އަތޮޅު ތެރޭގެ ރަށަކަށް ނިސްބަތްވާ މި ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރު ކަންތައް ނުޖެހި ތިން ހަތަރު މަހެއްވުމުން ހެދި ޓެސްޓްތަކުންނެވެ. އޭރު ކުއްޖާގެ ބަނޑަށް ތިން މަހެވެ. ނަމަވެސް މިކުއްޖާ އަކީ އޯޓިސްޓިކް ކުއްޖަކަށްވުމުން އޭނާ ހެދިބޮޑުވެފައި ވަނީ ތިން އަހަރާއި ހަ މަހުގެ ކުއްޖެއްގެ އުމުރާ އެއްގޮތަށް ކަމަށްވެފައި ބަލިވެއިނދެ ވިހެއުމުގެ ގާބިލްކަން ނެތް ކުއްޖެއް ކަމުން ދައުލަތުގެ ބެލުމުގެ ދަށުގައި މިކުއްޖާ ބަހައްޓައިގެން އޭނާގެ ބަނޑުގައިވާ ދަރިފުޅު ވަނީ އެބޯޓުކޮށްފަ އެވެ.