ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އެމްޕީއެލް ތެލުގެ ހިޔާނާތް: ތިން މީހަކަށް ދައުވާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ތިން މީހަކަށް ދައުވާކޮށްފި އެވެ.

މިމައްސަލައިގައި ދައުލަތުން އިއްޔެ ދައުވާކޮށްފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޗީފް މެނޭޖަރު ސ. ފޭދޫ، ވާރުގެ، މުހައްމަދު އައިމަން އާއި، އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު ސ. މަރަދޫ އާޒާދުގެ ހަސަން ދީދީގެ އިތުރުން އެފްއެސްއެމްގެ ތެޔޮ ބައުޒަރެއްގައި ޑްރައިވަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ.

މި މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށްވެސް ތުހުމަތު ކުރެވެ އެވެ. ނަމަވެސް މި ދެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ މިވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެ އެވެ.

"މި މައްސަލައަކީ މިހާރުވެސް ތަހުގީހު ކުރިއަށްދާ މައްސަަލައެކެވެ. މިހާތަނަށް މި އޮފީހަށް ބަލައިގަނެފައިވާނީ މި މައްސަލައިގައި ހިޔާނާތްތެރިވީ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައެވެ. މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމާނަމެވެ." ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

މުހައްމަދު އައިމަން އާއި ސޮޖިބްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ، ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާ އެވެ. ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ. އަދި ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާ ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް އައިމަން އާއި ސޮޖިބް ޖަލަށްލާނެ އެވެ.

މި ދެ ދައުވާ އައިމަންގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި އޭނާ ހުރެ އެފްއެސްއެމް އިން އެމްޕީއެލް އަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި އެމްޕީއެލް އަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް، ލިވަރީ ނޯޓު ބަލައިގަނެ ސޮއިކުރުމަށް ހަސަން ދީދީއަށް އިރުޝާދު ދީ، ޑެލިވަރީ ނޯޓްތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސްކޮށް އެމްޕީއެލް އަށް ލިބިފައިނުވާ ޑީސަލް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި، ޑީސަލްގެ އެ އަގަށްވާ ފައިސާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދައްކައި، ހިޔާނާތްތެރިވެފައިވާތީ އެވެ.

ސޮޖިބްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ މަގާމުގައި ހުރެ އެފްއެސްއެމް އިން އެމްޕީއެލް އަށް ތެޔޮ ޑެލިވަކުރުމުގެ މުއާމަލާތްތައް ކުރުމުގައި ތައްޔާރުކުރި ސައްހަ ނޫން ޑެލިވަރީ ނޯޓުތައް އެނގި ހުރެ އެމްޕީއެލްއަށް ޑެލިވާކޮށްފައިވާ ކަމަށް ދެއްކުމަށްޓަކައި ހަސަން ދީދީއާ ހަވާލުކޮށް އެފްއެސްއެމް އިން އެމްޕީއެލް އަށް ޑެލިވަރީކުރަންޖެހޭ ޑީސަލްއަށް ހިޔާނާތްތެރިވެފައިވާތީ އެވެ.

މި ހިޔާނާތް ހިންގާފައިވަނީ ޖެނުއަރީ 13، 2020 އިން އޮކްޓޫބަރު 10، 2020ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓެއް މެދުވެރިކޮށެވެ. ދައުވާގައިވާ ގޮތުން އެމްޕީއެލް އަށް ލިބިފައިނުވާ ޖުމްލަ 783،100 ލީޓަރު ޑީސަލް ލިބިފައިވާ ކަމަށް ހަދައި، ޑީސަލްގެ އެ އަގަށްވާ ޖުމްލަ 6،799،800 ރުފިޔާ އެފްއެސްއެމް އަށް ދައްކައި، ޖުމްލަ 783،100 ލީޓަރު ޑީސަލްއަށް ވަނީ ހިޔާނާތްތެރިވެފަ އެވެ.

ހަސަން ދީދީގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހަސަން ދީދީ ހުރެ އެފްއެސްއެމް އިން އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް ތައްޔާރުކުރި 119 ޑެލިވަރީ ނޯޓުތަކަކީ ސައްހަ ނޫން ނޯޓުތަކެއްކަން އެނގިހުރެ އެ ލިޔުންތައް ބަލައިގަނެ ސޮއިކުރުމަށްފަހު ލިޔުންތައް ސިސްޓަމް އިން ބަލައިގަނެ ޕްރޮސެސް ކުރުމަށްޓަކައި ޑެލިވަރީ ނޯޓްތައް އައިމަންއާ ހަވާލުކޮށްފައިވާތީ އެވެ.

ހަސަން ދީދީގެ މައްޗަށް މިދައުވާ ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށްލާނެ އެވެ.