ވައްކަން

ފޭރުނު ތިން މީހަކަށް ދައުވާކޮށްފި

މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ތިން މީހުންނަށް ދައުވާކޮށްފި އެވެ.

މިމައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ މއ. މަސްފަން، އައިޝަތު (43އ) އާއި މއ. މަސްފަން، މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީގު އިބްރާހީމް (35އ)ގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ މި ތިން މީހުންގެ މައްޗަށް ދައުވާކުރަން މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ކަމަށެވެ.

ފޭރުމުގެ މި އަމަލު މިދިޔަ ޖުލައި 24 ވަނަ ދުވަހު ހިންގާފައިވަނީ މަސްފަން ގެއަށް ފިރިހެން މީހާ ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާ ކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމް އިން ފައިސާ ނަގައިގެންނެވެ.

މާލެ ސަރަހައްދުގައި ފޭރުމުގެ އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިފަދަ ކަންކަން ކުރާ މީހުން ތަފާތު އުކުޅުތައް ބޭނުންކުރާތީ ފުލުހުން ގެންދަނީ ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.