ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްވެރިންނަށް އަދަބު ނުލިބި ސަލާމަތްވާތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި އިސްލާހުކުރަންޖެހޭ ގާނޫނުތައް ދިރާސާކޮށް އިސްލާހުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވޭ ސަަލާމަތްވުމުން އަނަސްގެ އާއިލާއިންނާއި އާންމުންގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިރޭ ނެރުނު ބަޔާނެއްގައެވެ.
ބަޔާނުގައި ބުނި ގޮތުގައި އަނަސްގެ މަރާ ގުޅިގެން ދައުވާ ލިބުނު މީހުން ސަަލާމަތްވުމަކީ ސަރުކާރުވެސް ކަންބޮޑުވުން އޮތް ކަމެކެވެ.
"އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އަދަބު ނުލިބި ދިއުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ގާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސްއެޅި، ކުށްކުރާ ފަރާތްތަކަށް ކުށް ކުރުމަށްފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދިއުމަކީ ސަރުކާރުން ހިތާމަކުރާ ކަމެއް ކަމަށެވެ. އެހެންވެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފަށާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ޖުލައި މަސް ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ. އަނަސްގެ ހުރިހާ ވާރިސުންވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.
އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިމަހުގެ 25 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ އެ މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން ހެކިބަސް ދިނުމަށް ދެ ފަހަރު ފުރުސަތު ދިނުމުންވެސް އެމީހުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުންގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު އެވެ. މުޅި މައްސަލަ ދަށު ކޯޓުގައި ނިމި ހުކުމަކާ ހަމައަށް ގޮސްފައި މިވަނީ ގާތްގަނޑަކަށް އަނަސް މަރާލިތާ ހަތް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ.
އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރާއި ނުވަ މަހަށް ޖަލަށްލުމަށް ކުރިން ހުކުމްކޮށްފައިވެ އެވެ.