މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އަކީ ހާއްސަ އަޅާލުމަކާއި އޯގާތެރިކަމެއް ބޭނުންވާ އޯޓިޒަމް ކުދިންގެ އެންމެ ގާތް ދަރުމާވެރިޔާ އެވެ. އެފަދަ ކުދިންނަށް ބޭނުންވާ ހާއްސަ ފަރުވާތަކާއި ތެރަޕީތައް އެންމެ ފުޅާކޮށް ފޯރުކޮށްދޭ މަދަދުވެރިޔާ އެވެ. އޯޓިޒަމް އެސޯސިއޭޝަން ރަސްމީކޮށް ހުޅުވީ ޖެނުއަރީ 21، 2010 ގައެވެ. މީގެ 12 އަހަރު ކުރިން އުފެއްދި އެމްއޭއޭގެ އިން ދޭ ހިދުމަތްތަކުގެ އަގު ސަރުކާރުން މިއަހަރު ވަނީ ބަލައިގެންފަ އެވެ. އެގޮތުން ތައުލީމީ ދާއިރާއިން؛ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުނީ އޯޓިޒަމް އެސޯސިއޭޝަނަށެވެ.
އެމްއޭއޭ އަށް މިފަދަ ބޮޑު ކާމިޔާބެއް ލިބުމުގެ މުގުލުގައި ހުންނެވި އެއް ބޭފުޅަކީ މި ޖަމިއްޔާ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ފަސްޓްލޭޑީ އިލްހާމް ހުސައިން އެވެ. އިލްހާމްގެ ހިތްޕުޅުގައި އޯޓިޒަމް ކުދިންނަށް އޮތީ ހާއްސަ ލޯތްބެކެވެ. އެކަމަނާ އަކީ އޯޓިޒަމް ކުދިންނަށް ހިދުމަތް ކުރުމުގައި ނަމޫނާ އެކެވެ. އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ ތަނެއްގެ ގޮތުގައި "މޯލްޑިވްސް އޯޓިޒަމް ސެންޓަރު"ގެ ނަމުގައި ސެޕްޓެމްބަރު 12، 2011 ގައި ވަނީ ވަކި ތައުލީމީ މަރުކަޒެއް އުފައްދަވާފަ އެވެ. އޯޓިޒަމް ކުދިންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށާއި ފެންވަރު ރަނގަޅު ކުރުމަށް 18 ކްލާސްރޫމު ހިމެނޭ ހަ ފަންގިފިލާގެ އިމާރާތެއް ވެސް އެމްއޭއޭ އިން ގެންދަނީ 2017 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ހިންގަމުންނެވެ.
އޯޓިޒަމް ކުދިންނަށް އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށީ އިލްހާމްގެ ފިރިކަލުން އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަމިއްލަ ގެ -- މއ. ޔުރީކާގަ އެވެ. އޯޓިޒަމް ކުދިންނަށް ދެވޭ ހިދުމަތްތައް ފެށިގެން އައީ ހަތަރު ކުދިންނާއި، މެއިންސްޓްރީމް އެންމެ މުދައްރިސަކާ އެކު އެވެ. ނަމަވެސް އޯޓިޒަމް ސެންޓަރުގައި މިއަދު 150 ކުދިންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް ޒަމާނީ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އެކި ފަންނުގެ 30 މުވައްޒަފުންގެ އިލްމާއި ހުނަރު ބޭނުންކޮށްގެން ގިނަ ތެރަޕީތަކެއް ފޯރުކޮށްދެނީ ގައުމީ ފެންވަރުގަ އެވެ.
މިއީ އިލްހާމް، އެކަމަނާގެ ޓީމާ އެކު މެދުނުކެޑި ކުރެއްވި އަގުހުރި ހިދުމަތުގެ ފޮނި ނަތީޖާ އެވެ. އަމިއްލަ ޖަމިއްޔާ އަކަށް 12 އަހަރުގެ ތެރޭގައި މިހާ ބޮޑެތި ކުރިއެެރުންތައް ހޯދޭނީ ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގާއި ހުނަރު ހުރެގެންނެވެ. ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލައި ހުށިޔާރުކަމާ އެކު އެ ކަންކަމުންވެސް އަރައިގަނެވިގެންނެވެ.
އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ދިމާވާ ދާއިމީ ނުކުޅަދުންތެރިކަމެއްގެ ސަބަބުން މީހުންނާއި މުވާސަލާތު ކުރުމުގައި އަދި ކުއްޖާގެ އުޅުމުގައި އާންމު ކުދިންނާ ތަފާތު ގޮތްތަކެއް ހުރުމެވެ.
މެޑަމް އިލްހާމުގެ ހިތްޕުޅުގައި އޯޓިޒަމް ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރެއްވުމުގެ ހިޔާލު އުފަންވީ، އެމެރިކާގެ ނިއުޔޯކްގެ ސުކޫލެއްގައި މިފަދަ ކުދިންނާ އެކު މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކަށް ފަހު އެވެ. އޯޓިޒަމް ކުދިންގެ އުޅުމާއި މިޒާޖުގައި ހުންނަ ތަފާތުކަން މިފުރުސަތުގެ ތެރެއިން އިލްހާމަށް ދެނެގަނެވުނެވެ. އަދި ރާއްޖޭގައި މިފަދަ ކުދިންނަށް ހާއްސަ ސެންޓަރެއް ގާއިމުވެފައި ހުރުމުގެ މުހިއްމުކަން އިހްސާސްވި އެވެ.
"އޭރު ދިވެހިންނަކަށް އޯޓިޒަމްއަކީ ކޯޗެއްކަމެއް ނޭނގެ. އަދި އޯޓިޒަމް ކުދިން ދެނެގަންނާކަށް ވެސް ނޭނގެ. މީހުން ހީކުރަނީ އެއީ ސިޔާސަ ކުދިން ކަމަށް،" ރާއްޖޭގައި އޯޓިޒަމް ކުދިންނަށް އެހީވުމަށް މަސައްކަތް ފެއްޓެވިއިރު މީހުންގެ ހޭލުންތެރިކަން ހުރި ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
އޯޓިޒަމް އެސޯސިއޭޝަންގެ މަސައްކަތް އިލްހާމް އެންމެ ފުރަތަމަ ފެއްޓެވީ އާއިލާގައި ހުންނަ މިފަދަ ކުއްޖެއްގެ ބެލެނެވެރިއެއްގެ އިތުރުން، އިތުރު ހަތަރު ބެލެނެވެރިންނާއި ބައްދަލުކުރައްވާ ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަކަށްފަހު އެވެ. މޯލްޑިވްސް އޯޓިޒަމް ސެންޓަރު އެންމެ ފުރަތަމަ ހުޅުވީ އޯޓިޒަމްއާ ގުޅޭތުން ތައުލީމު ހާސިލްކޮށްގެން ހުރި ފަންނީ އެންމެ ޓީޗަރެއްގެ އެހީއާ އެކު އެވެ.
ދިވެހި ރައްޔިތުންނާއި އޯޓިޒަމް ކުދިންގެ ބެލެނިވެރިން އޯޓިޒަމަށް ހޭލުންތެރި ކުރުމަށާއި މިދާއިރާ އިން މީހުން ބިނާކުރުމަށް އިލްހާމް އިސްވެ ހުންނަވައިގެން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. މިގޮތުން އޯޓިޒަމް ކުދިންނަށް ހާއްސަ ސްޕީޗް ތެރެޕިސްޓުންގެ ގޮތުގައި ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ ގޮތުން ޓީޗަރުންގެ ޓީމެއް ރާއްޖޭން ބޭރަށް ފޮނުވާފައިވެ އެވެ.
ދިވެހިންނަށް އޯޓިޒަމް އަކީ ކޯޗެއްކަން މިހާރު ވަރަށް ބޮޑަށް އޮޅުންފިލާފައިވީ ނަމަވެސް، ކުއްޖާގެ އުމުރުގެ ކުރީކޮޅު އެއީ އޯޓިޒަމް ކުއްޖެއްކަން ދެނެގަންނަން ގިނަ މައިންބަފައިންނަށް އަދިވެސް ނޭނގެ އެވެ. އެކަމުގެ ސަަބަބުން އެކުދިންނަށް ލިބެންޖެހޭ ތެރެޕީތައް ލިބުން ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި އިލްހާމް ވިދާޅުވި އެވެ.
"މިކުދިންގެ ހެދި ބޮޑުވުމުގައި ހަގީގަތުގައި އެންމެ ރަނގަޅީ ވީ އެންމެ އަވަހަށް ފަރުވާ ދިނުން،" އިލްހާމް ވިދާޅުވި އެވެ.
އޯޓިޒަމް ކުދިން އާއިލާއާއެކު ގޭތެރޭގައި ހޭދަކުރާ ވަގުތުގައި މުއާމަލާތު ކުރާއިރު ބެލެނެވެރިން ސަމާލުވާންޖެހޭ ގިނަ ކަންތައްތަކެއް ހުރެ އެވެ. އެކަމަށް އަމާޒުކޮށްގެން ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްވެސް އިލްހާމް ގެންދަވަނީ ކުރައްވަމުންނެވެ.
"މިފަދަ ކުއްޖެއް ބޮޑުކުރުމަކީ ވަރަށް ބުރަ ކަމެއް. ގިނަފަހަރު މިފަދަ ކުދިން ލިބުނީމަ އާއިލާތައް ރޫޅިގެން އެބަދޭ. އެކަމަކު ގޭތެރޭގެ މާހައުލުގައި ވެސް ތަފާތުކުރުމަކާ ނުލައި މި ކުދިންނަށް ރަނގަޅަށް އަޅާލާން ޖެހޭ. ޕޭރަންޓުންވެސް ޓްރެއިންވެ އެކުދިންނާ އެކު އުޅެން ދަސްކުރަންޖެހޭ." އިލްހާމް ވިދާޅުވި އެވެ.
އެންމެ ހަތަރު ކުދިންނާއި އެކު ފެށި އޯޓިޒަމް ސެންޓަރުގައި މިހާރު 150 ކުދިންނަށް އެކި ކަހަލަ ތެރަޕީތައް ދެމުންގެންދެ އެވެ. އޯޓިޒަމް ކުދިންނަށް ބެނުންވާ ގިނަ ތެރަޕީތަކެއް އެއްފުރާޅެއްގެ ދަށުން ލިބުމުގެ އިންތިޒާމު އިލްހާމްގެ މޭސްތިރިކަމުގައި މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. މީގެތެރޭގައި އޮކިއުޕޭޝަނަލް ތެރެޕީ، ބިހޭވިއާ ތެރެޕީ އަދި ސްޕީޗް ތެރެޕީ ހިމެނެ އެވެ. މީގެއިތުރުން އޯޓިޒަމް ކުދިންނަށް މުއާމަލާތުކުރުން ފަސޭހަކޮށްދިނުމަށްޓަކައި އައިޕެޑުގެ ޒަރިއްޔާއިން އޮގްމެންޓޭޓިވް ކޮމިއުނިކޭޝަން ތެރެޕީ ދޭން ވެސް މިހާރު ވަނީ ފަށާފަ އެވެ.
"މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމުގެ ސަބަބުން އޯޓިޒަމް ކުދިންގެ އުމުރުން 12 އަހަރު ފުރުނީމަ ދެން އިތުރަށް ފަރުވާ ނުދެވުން. މީގެ ސަބަބުން އެކުދިންނަށް ލައިފް ސްކިލްސް ދަސްކޮށްދިނުމުގެ ޕްރޮގްރާމް ވެސް ތައާރަފުކުރަން އަޅުގަނޑު މެންނަށް އެބަ ދަތިވޭ،" އިލްހާމް ވިދާޅުވި އެވެ.
އޯޓިމާ ގުޅޭ ތަފާތު އެކި ކަންކަމުގައި އިލްހާމުގެ އޯޓިޒަމް އެސޯސިއޭޝަނުން 3000 އަށް ވުރެ ގިނަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިލްހާމަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޯޓިޒަމް އެސޯސިއޭޝަނުން ހިދުމަތް ދިނުމުގައި އަމިއްލަ ބައެއް ފަރާތްތަކުން ވެދެއްވާ އެހީތެރިކަން ވެސް އެކަމަނާ ވަރަށް ބޮޑަށް ފާހަހަގަކުރެއްވި އެވެ.
"ހިތްވަރުދިނުމުގެ ގައުމީ އިނާމު އަޅުގަނޑުމެންގެ މިއެސޯސިއޭޝަނަށް ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ސަރުކާރުން މި އެސޯސިއޭޝަންގެ މަސައްކަތް ބަލައިގެންފިކަން މިކަމުން ހާމަވޭ،" ހިދުމަތް ބަލައިގަތީތީވެ އިހްސާސްތައް ހިއްސާކުރައްވަމުން ވިދާޅުވި އެެވެ.
މަސައްކަތުގައި ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި އިލްހާމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްވަރަކީ އޯޓިޒަމް އެސޯސިއޭޝަނުން ފަރުވާދޭ ކުދިންގެ އުޅުމަށް އަންނަ ހެޔޮ ބަދަލުތަކެވެ. އަދި ފިރިކަލުން ރައީސް ވަހީދުގެ ފަރާތްޕުޅުން އަބަދުވެސް ލިބިވަޑައިގަންނަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރެއްވި އެވެ.
އޯޓިޒަމް ކުދިންނަށް ބެނުންވާނެ ހުރިހާ ތެރަޕީތަކެއް ފަސޭހަކަމާއިއެކު ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އިލްހާމްގެ ދެކެވަޑައިގަންނަވާ ހުވަފެނެކެވެ. އޯޓިޒަމް ކުދިންގެ ހުނަރުތައް ދައްކާލެވޭނެ ގޮތްތަކެއް ހަމަޖެހުމާއި އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކަމަނާ އެދިވަޑައިގަންނަވަ އެވެ. އިލ
"މިކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނީ، އަމިއްލަ ފަރުދުން ވެސް މިކުދިންނަކީ ކޮންކަހަލަ ކުދިންނެއްކަން ދެނެގަނެ، މި ކުދިންގެ އުޅުމުގައި ހުންނަ ތަފާތުކަމުގެ ސަބަބުން މިކުދިން ބާކީ ނުކޮށް އޯގާތެރިވެގެން،" މެޑަމް ވިދާޅުވި އެވެ.
އިލްހާމް ހުންނެވީ އޯޓިޒަމް ކުދިންނަށްޓަކައި އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރެއްވުމުގައި ކުރިއަށް ވަޑައިގަންނަވާ ގޮތަށެވެ.