އެމެރިކާ

ފެން ތަޣައްޔަރުވުމުން މިޗިގަންގައި ކުއްލި ހާލަތު އިއުލާނުކޮށްފި

އެމރިކާގެ ރައީސް ބަރަކް އޮބާމާ، އެގައުމުގެ މިޗިގަން ސްޓޭޓްގެ ފްލިންޓް އަވަށުގައި ބޯފެނަށް ކެމިކަލް މާއްދައެއް ކަމުގައިވާ ލެޑް އެޅި ތަޣައްޔަރުވުމާއި ގުޅިގެން އެސްޓޭޓްގައި ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.

އެމެރިކާގެ ފެޑެރަލް އެމަޖެންސީ މެނޭޖްމެންޓު އެޖެންސީ (އެފްއީއެމްއޭ) އިން މިހާރު އެހާދިސާ ތަހްގީގް ކުރަމުންދާއިރު، އެކަމުގެ ސަބަބުން އެއަވަށަކީ 100،000 މީހުން ދިރިއުޅޭ އަވަށެކެވެ.

މިކަމާއި ބެހޭގޮތުން އެމެރިކާގެ ތިމާވެއްޓާއި ބެހޭ ޑިޕާޓްމަންޓުން ބުނީ މިފަދަ ހާދިސާއެއް ކުރިމަތިވެދާނެ ކަމުގެ ހެކިތައް މީގެ ކުރިން ފެނުނު ކަމަށެވެ. އެހެެން ނަމަވެސް އެކަން ހައްލު ކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން އެޑިޕާޓްމަންޓުން ފާހަގަ ކުރި އެވެ. އެގޮތުން އެއަވަށުގެ ފެން ހޮޅިތައް ހަލާކުވެ، ލެޑް ފަދަ ކެމިކަލްތައް ފެނަށް އެޅެމުންދާކަން ސަރުކާރަށް އެނގޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްލިންޓުގެ ފެނުގެ ވަހާއި ރަހަ އަދި ކުލައަށް ބަދަލުއަންނަށް ފެށުމުން އެއަވަށުގެ ރައްޔިތުން ވަނީ މިޗިގަންގެ އިސްވެރިންގެ ސަމާލުކަން އެކަމަށް ގެންނަން މަސައްކަތް ކޮށްފަ އެވެ. އެ ސިޓީގެ އިސްވެރިން އާއްމުންގެ ޝަކުވާތަކަށް ބީރު ކަންފަތެއް ދިނުމުގެ އިތުރުން ކުޑަ ކުދިންގެ ލޭގައި ލެޑް ހިމެނޭ މިންވަރު އިތުރުވަމުންދާތީ ޑޮކަޓަރަކު ސަރުކާރަށް ހުށަހެޅި މެޑިކަލް ރިޕޯޓެއްވެސް ވަނީ އަޅާނުލާ ދޫކޮށްލާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފްލިންޓަށް ދިމާވި މިހާދިސާ ހައްލުކުރުމަށް މިހާރު ޑަރަލް އެމަޖެންސީ މެނޭޖްމެންޓް އޭޖެންސީންދަނީ އެކަމަށް ބޭނުންވާ ފައިސާގެ 75 އިންސައްތަ އެސްޓޭޓްގެ ސަރުކާރަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.