ޖޭއެސްސީ

ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު ދެ މެޖިސްޓްރޭޓް ކޯޓެއްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.

ޖޭއެސްސީއިން ސާބިތުނުވާ ކަމަށް ނިންމީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަމްޖަދު އަބްދުލް ޣަނީ އާއި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްފައްތާހް އަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަ އެވެ.

ފައްތާހުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން މައްސަލަ ބަލަމުންދާ ކަން އޭނާއަށް އަންގާފައިވަނީ ފެބްރުއަރީ 23، 2020ގައެވެ. މިމައްސަލަ ޖޭއެސްސީން ނިންމީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ގާޒީ އަމްޖަދުގެ ސުލޫކީ މައްސަލަ ވެސް ސާބިތު ނުވާ ކަމަށް ނިންމީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ޖޭއެސްސީ އަށް ހުށަހެޅޭ މައްސަލަ ތަކުގައި މެޖިސްޓްރޭޓުންނާ މެދު މީގެކުރިން ވެސް އެކޮމިޝަނުން ތަފާތު ފިޔަވަޅުތައް އަޅާފައިވެ އެވެ. އެގޮތުން ސުލޫކީ މައްސަލަތައް ސާބިތުވާ މީހުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމާއި، މަސައްކަތް ކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމާއި، ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުން ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ.