ޖޭއެސްސީ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މި މަގާމަށް ކުރިމަތިލުމަށް ޑީޖޭއޭ އިން ހުޅުވާލާފައި މިވަނީ އެންމެ ފަހުން މި މަގާމުގައި ހުންނެވި އައިޝަތު ރިޒްނާ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފެށުމުން މިމަހުގެ ފަސްވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންޖެހެނީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިންނެވެ.

މަގާމުގެ އަސާސީ ޝަރުތުތައް:

  • އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • މުސްލިމަކު ކަމުގައިވުން
  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބޭފުޅަކު ހޮވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމުގެ ގޮތުގައި ބަލައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހޮވޭ ބޭފުޅަކަށް 47،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ.