ސުޕްރީމް ކޯޓަށް އިދާރީ ކަންކަން ކުރުމުގެ މިނިވަންކަން ނެތް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހާއެކު ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަނު ކުރުމަށް ވަނީ އުސޫލެއް އެކުލަވާލާފަ އެވެ. އަދި ފެންވަރު ބެލުމަށް ފަހު ވަކި ވަރަކަށް ވުރެ ދަށުން މާކްސް ލިބުނު ފަރާތްތައް ވަޒީފާއިން ވަކިކުރަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނިންމި އެވެ. މި ނިންމުން ނިންމާފައިވަނީ 2020 ވަނަ އަހަރު އޮގަސްޓު މަހުގަ އެވެ.
ޑީޖޭއޭ ކުރިން ހިނގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުން ނަމަވެސް ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލުތަކާއި އެކު ޑީޖޭއޭ މިހާރު ވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފަ އެވެ.
ކޯޓުތަކުގެ އިދާރީ ކަންތައްތައް ހިންގުމާއި ކޯޓުތަކުގެ އިދާރީ މުވައްޒަފުން އައްޔަނުކުރުމުގެ ކަންތައްތައް ވެސް މިހާރު ކުރިއަށް ދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ވަޒީފާއިން ވަކިކުރި މުވައްޒަފުން ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލް އިން ނިންމީ ވަޒީފާއިން ވަކިކުރި މުވައްޒަފުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ނިންމުން ޖޭއެސްސީން ވަނި ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުން ވަނީ ދަމަހައްޓާފަ އެވެ.
މި މައްސަލަ ޖޭއެސްސީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިކަމާ ގުޅޭ ގޮތުން މިއަދު އޮތް އަޑުއެހުމުގައި، މި މައްސަލަ ފުރަތަމަ ޓްރައިބިއުނަލަށް ހުށަހަޅައި އެއަށް ރައްދުވާ ފަރާތެއްގެ ގޮތުގައި ޑީޖޭއޭ އޮތް ނަމަވެސް ފަހުން ޖޭއެސްސީއަށް އެކަން ބަދަލުވީ ކިހިނެއް ކަމާމެދު ފަނޑިޔާރު ސުއޫދު ޖޭއެސްސީ އާއި ސުވާލުކުރެއްވި އެވެ.
ޖޭއެސްސީގެ ވަކީލު ފަތުހުﷲ އިސްމާއިލް ވިދާޅުވީ ޖޭއެސްސީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖުޑިޝަރީގެ އާންމު އިދާރީ ކަންކަން ބެލެހެއްޓުން ހިމެނޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޑީޖޭއޭ އުފައްދާފައިވަނީ އެ މަގުން ކަންތައްތައް ތަރުތީބު ކުރުމަށް ކަމަށް ވުމާއެކު މި ހުރިހާ ކަމެއް ޖޭއެސްސީ އާއި ގުޅިފައިވާ ކަމަށެވެ.
"މިހާރު ދެ އަހަރުވެގެން މި ދަނީ މި ތަނުގެ އިދާރީ އެންމެ އިސް މުވައްޒަފު ނެތި. ތިޔަ ބޭފުޅުން ޖޭއެސްސީ އަކީ މި ތަނުގެ އިދާރީ އެންމެ އިސް ފަރާތް ކަމަށްވާނަމަ ކޮން ދުވަހަކުންތޯ އަޅުގަނޑުމެންގެ އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ސުވާލުގައި އެއްސެވީ ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނެރަލެއް ލިބޭނީ ކޮން ދުވަހަކުންތޯ އެވެ. އަދި މިކަން ނުކުރެވި އޮންނަތާ މިހާރު ދެ އަހަރުވެ އެކަމަށް އާދޭސް ކުރަން ޖެހިފައިވާ ކަމަށް ސުއޫދު ފާހަގަކުރެއްވި އެވެ. އަދި ސުޕްރީމް ކޯޓު ނުފޫޒެއްގެ ތެރެއަށް ދަނީތޯ ވެސް ސުވާލު ކުރެއްވި އެވެ.
"ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މި ތިބީ؟ ދެން ކޮން ވާހަކައެއްތި ދައްކަނީ؟ މިއީ ކޮން ކަމެއްތޯ،" ވަރަށް ކޯފާ އިސްކުރައްވައި ސުއޫދު އެއްސެވި އެވެ.
ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހިންގުން އޮތީ އެއްކޮށް ހުއްޓިފައި ކަމަށާއި އިދާރީ ގޮތުން ކޯޓު ހިންގުމަށް ކޯޓަށް މިނިވަންކަން ނެތް ކަމަށެވެ.
"މި ތަން މިއޮތީ ހަމަ ހުއްޓިފައި. ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެ ދެއްވަ ބަލަ؟ މިތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް." ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ނުރުހުން ފާޅުކުރެއްވުމުން އެ މައުލޫގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ޑީޖޭއޭގެ ވަކީލް ފަތުހުﷲ ވިދާޅުވި އެވެ.
"މި ކޯޓަކަށް މިނިވަންކަމެއް ނެތް މިކޯޓުގެ މުވައްޒަފުން ލާކަށް. މި ކޯޓު ހިންގޭކަށް ނެތް. ބަޔަކު ދިނިއްޔާ އަޅުގަނޑުމެން ކައިގެން މިތިބެނީ. ބަޔަކު ދިނިއްޔާ ފޮތާއި ފަންސުރާ މިލިބެނީ. ބަޔަކު ދިނިއްޔާ މުވައްޒަފުން މި ލިބެނީ. އެކަމަކު، އަޅުގަނޑުމެންނަކީ މިނިވަން ފަރާތަކޭ ދައުލަތުގެ އެއް ބާރެކޭ މި ބުނަނީ. ކިހިނެއްތޯ ސަސްޓެއިން ކުރަނީ މި އާގިއުމެންޓް،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދުގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ދަތިވާކަމަށް ވިދާޅުވެ ފަތުހުﷲ ޖަވާބެއް ނުދެއްވަ އެވެ.