ސިވިލް ކޯޓްގައި މިހާރު ގާއިމްކޮށްފައިވާ ޑިވިޝަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީން ބުނެފައިވަނީ ޑިވިޝަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ކަމުގައި ނުވާތީ އެ ނިޒާމު މުރާޖާކޮށް އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލްވުުގައެވެ.
ސިވިލް ކޯޓްގައި މިހާރު ގާއިމްކޮށްފައިވާ ޑިވިޝަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ ސުޕްރީމް ކޯޓުގެ އެންގުމަށް ހަދާފައިވާ އުސޫލެކެވެ. އެ އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އެކި ބާވަތްތަކުގެ މައްސަލަތައް ބެލުމަށް ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް ސުޕްރީމް ކޯޓްގެ އެންގުމަށް ގާއިމްކުރިއެވެ.
ސިވިލްކޯޓުން އަވަސް އަރުވާލައިގެން މައްސަލަ ނިންމާ ކަމުގެ ޝަކުވާތަކެއް ލިބިފައި ވާތީ އެކަން ބަލަމުން ގެންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން ބުނީ ހިނގަމުންދާ މައްސަލަތައް އަވަސް ކުރުމުގެ ނިޔަތުގައި ނުވަތަ ގިނަ މައްސަލަތައް ނިންމައިގެން ޝަރަފު ހޯދާށައި ވަކި މުއްދަތެއްވީ މައްސަލަތައް ނުބޭއްވުމަށް ފަނޑިޔާރުން މައްސަލަތައް ބަލާ ނިންމަމުންދާ ކަމަށެވެ.
ނަމަވެސް އެގޮތަށް މައްސަލަތައް ނިންމަމުން ދަނީ އަދުލު އިންސާފާ މެދު ސުވާލު އުފެދޭ ގޮތަށް ކަމަށް ބުނެ އެކަމުގެ ޝަކުވާ ހުށައެޅިފައިވާ ކަމަށެވެ. އެހެން ކަމުން އެ ކަންކަން ހައްލު ކުރުމަށް ޑީޖޭއޭގައި އެދެން ނިންމާފައިވާ ކަމަށެވެ.
ސިވިލްކޯޓުން މީގެ ކުރިން ވަނީ ގިނަ މައްސަލަތައް ނިންމާ ފަނޑިޔާރުން ފާހަގަ ކޮށްފަ އެވެ.