ޖޭއެސްސީ

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ޖުމްލަ ހަ ބޭފުޅަކު އައްޔަންކުރަނީ

Mar 6, 2023

ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުންނާއި އަދި ސިވިލް ކޯޓަށްވެސް ތިން ފަނޑިޔާރުން އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީ އިން ނިންމި ތިން ބޭފުޅުންނަކީ ސ. މަރަދޫ، އެށެވެލި، އިބްރާހީމް އިހްސާން އާއި، ގއ. ނިލަންދޫ، ބިއްލޫރިޖެހިގެ، އިބްރާހީމް ޒިހުނީގެ އިތުރުން ރ. ރަސްގެތީމު، ގުލާބީގެ، އައިމިނަތު އަޒްލިފާ އެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީ އިން ނިންމި ތިން ބޭފުޅުންނަކީ ގދ. ފިޔޯރީ، ސަންޑަލްވޫޑް، ސިނާން އަލީ އާއި، ހދ. ފިނޭ، ދެތަނޑިމާގެ، ފައިސަލް އާދަމްގެ އިތުރުން ސ. ހިތަދޫ، ސައިފަތްމާގެ، އަބްދުﷲ އިހްސާން އެވެ.

ފަނޑިޔާރުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ

އިބްރާހީމް އިހްސާން އަކީ އޮކްޓޫބަރު 29، 2018 ވަނަ ދުވަހު މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވި، މިވަގުތު ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަނޑިޔާރެކެވެ. އަދި ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވުމުގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން އިބްރާހީމް އިހްސާން ވަނީ ލީގަލް އޮފިސަރެއްގެ ގޮތުގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރައްވާފަ އެވެ.

އިބްރާހީމް ޒިހުނީ ވަނީ މިސްރުގެ އަލް-އަޒްހަރު ޔުނިވަސިޓީ އިން ބެޗްލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ. އަދި ޒިހުނީ އަކީ 2013 ފެބްރުއަރީ އިން ފެށިގެން ލީގަލް މަސައްކަތުގައި އެމްޑަބްލިއުއެސްސީ އަދި 2014 ވަނަ އަހަރުން ފެށިގެން ޑްރަގު ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖަނަވަރީ 20، 2016 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޒިހުނީ ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ ގޮތުގަ އެވެ.

އަޒްލިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) އަދި ވިލާކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވާފަ އެވެ. އަޒްލިފާ އަކީ 2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގައި މަސައްކަތްކުރެއްވި އެވެ. އަދި 2015 އޭޕްރީލް އިން ފެށިގެން އަޒްލިފާ އަކީ ކްރިމިނަލް ކޯޓުގައި ލީގަލް އޮފިސަރުގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.

ސިނާން އަލީ އަކީ ވިލާ ކޮލެޖުން ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2015 ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް ސިނާން އަލީ ހުންނެވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.

ފައިސަލް އާދަމް އަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 އޮކްޓޫބަރުން 2020 ފެބުރުއަރީ އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ލީގަލް އޮފިސަރުގެ މަގާމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ފައިސަލް އާދަމް މަސައްކަތް ކުރައްވަމުންދަނީ ސްޕްރީމް ކޯޓުގައި އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމުގަ އެވެ.

އަބްދުﷲ އިހްސާން ވަނީ ގައުމީ ޔުނިވަސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފަ އެވެ. އަދި އަބްދުﷲ އިހްސާން އަކީ އައްޑޫ ކައުންސިލްގެ އިދާރާގައި 2016 ވަނަ އަހަރުން ފެށިގެން ލީގަލް އޮފިސަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.