ޖޭއެސްސީ

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އިސް ގާޒީން އައްޔަންކޮށްފި

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރައްވާފައިވަނީ ގއ. މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް ޖުނައިދު އެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ސިިވިލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި އެންމެ ފަހުން ހުންނެވި އަބްދުﷲ އަީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރައްވާފައިވަނީ ޅ. ހިންނަވަރު، މާތިލަ، އާދަމް މުހައްމަދު އެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި އެންމެ ފަހުން ހުންނެވި އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

މި ދެ ބޭފުޅުން އިސް ގާޒީ ކަމަށް އައްޔަންކުރައްވާ މި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން މިއަދު ހަވާލުކުރެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އާދަމް މުހައްމަދު އައްޔަން ކުރީ ޖެނުއަރީ 21، 2020 ގައެވެ. ސިވިލް ކޯޓުގެ ގާޒީ ކަމަށް ނިމާލް އައްޔަންކުރީ މިދިޔަ އަހަރުގެ މާޗް 15 ވަނަ ދުވަހު އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ބޭފުޅުން އައްޔަންކުރެއްވިއިރު ހައިކޯޓުގެ އިސް ގާޒީ ކަމަށް އަދިވެސް ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.