ހައިކޯޓާއި ސުޕީރިއާ ކޯޓުތަކަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވައިފި އެވެ.
ފަނޑިޔާރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ޝަރަފްވެރި މެހްމާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް މިއަދު އައްޔަންކުރެއްވީ މިއަދާ ހަމައަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އއ. ފެރިދޫ، ސިޔާމާމަންޒިލް، އަހްމަދު ޝަކީލް އެވެ.
ޝަކީލްގެ ތައުލީމާއި ތަޖުރިބާ
އަހްމަދު ޝަކީލް އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރީ މާޗް 23، 2003 ގައެވެ. އަހްމަދު ޝަކީލް އަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.
ފަނޑިޔާރު ޝަކީލް ނުވާރަ އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި، ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި އެވެ. މިވަގުތު އަހްމަދު ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ.
ސުޕީރިއާ ކޯޓުތަކަށް އައްޔަންކުރެއްވި ފަނޑިޔާރުން
ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށް ތިނެއް އަދި ކްރިމިނަލް ކޯޓަށް ވެސް ފަނޑިޔާރުންގެ ގޮތުގައި މިއަދު ތިން ބޭފުޅުން އައްޔަންކުރެއްވި އެވެ.
ކްރިމިނަލް ކޯޓަށް މިއަދު އައްޔަންކުރެއްވީ ސ. މަރަދޫ، އެށެވެލި، އިބްރާހީމް އިހްސާން އާއި، ގއ. ނިލަންދޫ، ބިއްލޫރިޖެހިގެ، އިބްރާހީމް ޒިހުނީއާއި، ރ. ރަސްގެތީމު، ގުލާބީގެ، އާމިނަތު އަޒްލިފާ އެވެ. ސިވިލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަކީ ގދ. ފިޔޯރީ، ސަންޑަލްވޫޑް، ސިނާން އަލީ އާއި، ހދ. ފިނޭ، ދެތަނޑިމާގެ، ފައިސަލް އާދަމް އާއި ސ. ހިތަދޫ، ސައިފަތްމާގެ، އަބްދުﷲ އިހްސާން އެވެ.
ފަނޑިޔާރުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ
އިބްރާހީމް އިހްސާން އަކީ އޮކްޓޫބަރު 29، 2018 ވަނަ ދުވަހު މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވި، މިވަގުތު ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަނޑިޔާރެކެވެ. އަދި ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވުމުގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން އިބްރާހީމް އިހްސާން ވަނީ ލީގަލް އޮފިސަރެއްގެ ގޮތުގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރައްވާފަ އެވެ.
އިބްރާހީމް ޒިހުނީ ވަނީ މިސްރުގެ އަލް-އަޒްހަރު ޔުނިވަސިޓީ އިން ބެޗްލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ. އަދި ޒިހުނީ އަކީ 2013 ފެބްރުއަރީ އިން ފެށިގެން ލީގަލް މަސައްކަތުގައި އެމްޑަބްލިއުއެސްސީ އަދި 2014 ވަނަ އަހަރުން ފެށިގެން ޑްރަގު ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖަނަވަރީ 20، 2016 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޒިހުނީ ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ ގޮތުގަ އެވެ.
އަޒްލިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) އަދި ވިލާކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވާފަ އެވެ. އަޒްލިފާ އަކީ 2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގައި މަސައްކަތްކުރެއްވި އެވެ. އަދި 2015 އޭޕްރީލް އިން ފެށިގެން އަޒްލިފާ އަކީ ކްރިމިނަލް ކޯޓުގައި ލީގަލް އޮފިސަރުގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.
ސިނާން އަލީ އަކީ ވިލާ ކޮލެޖުން ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2015 ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް ސިނާން އަލީ ހުންނެވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.
ފައިސަލް އާދަމް އަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 އޮކްޓޫބަރުން 2020 ފެބުރުއަރީ އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ލީގަލް އޮފިސަރުގެ މަގާމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ފައިސަލް އާދަމް މަސައްކަތް ކުރައްވަމުންދަނީ ސްޕްރީމް ކޯޓުގައި އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމުގަ އެވެ.
އަބްދުﷲ އިހްސާން ވަނީ ގައުމީ ޔުނިވަސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފަ އެވެ. އަދި އަބްދުﷲ އިހްސާން އަކީ އައްޑޫ ކައުންސިލްގެ އިދާރާގައި 2016 ވަނަ އަހަރުން ފެށިގެން ލީގަލް އޮފިސަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.