ޖޭއެސްސީ

ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ތިން ފަނޑިޔާރަކާ ގުޅޭ ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ދެ ސުލޫކީ މައްސަލައަކާއި، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބުގެ ސުލޫކީ މައްސަލައަކާއި، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލަ އެކެވެ.

މި ހަތަރު މައްސަލަ ބަލައި ތަހުގީގުކުރުމަށްފަހު ސާބިތު ނުވާ ކަމަށް ނިންމީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 12 ވަނަ ބައްދަލުވުމުގަ އެވެ.

ގާޒީ ސަފްވަތް ހަބީބްގެ މައްސަލަ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ތަހުގީގުކުރަން ފެށީ، ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޝަރީއަތުގައި ހިނގި ކަންކަމުގެ މައްޗަށް މައްސަލައެއްގައި ހިމެނޭ ކޮންމެ ހަސްމެއްގެ ފަރާތުން ހުލާސާ ބަޔާނެއް ހުށަހެޅުމަށްފަހު އެންމެ ގިނަވެގެން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

ގާޒީ މަރިޔަމް ވަހީދުގެ މައްސަލަ ތަހުގީގުކުރަން ފެށީ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ ތަންފީޒީ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމަކާ އެގަޒިއްޔާއާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން މުއާމަލާތުކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލާ ކަނޑައެޅިގެން ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ލިބުނު ޝަކުވާއަކާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ޝަހީދާއި ގުޅުގެން ބަލާފައިވާ ދެ ސުލޫކީ މައްސަލައިގެ ތަފްސީލު ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވެ އެވެ.