ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބޭނުންކުރުން ހުއްޓާލުމަށް އަންގައިފި

Feb 22, 2023

ކްރިމިނަލް ކޯޓުގެ މަސައްކަތްތައް މިހާރު ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތުގެ މަސައްކަތް ވަގުތު ހުއްޓާލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމައިފި އެވެ.

ޖޭއެސްސީ މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައިވާ ތަނަކަށްވެ ވަރަށް ބޮޑަށް އެއިމާރާތް ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ލައްވާ މިއަދު އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެ އިންސްޕެކްޝަނަށްފަހު އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫން ކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި މިވަގުތު ވަކި ގޮތަކަށް އަމަލުކުރުމަށް ކްރިމިނަލް ކޯޓަށް އަންގަން ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

ޖޭއެސްސީގެ އެންގުންތައް

  • ކްރިމިނަލް ކޯޓު ހިންގަމުންދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބާ އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލުން.
  • ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށް ގެންދިއުން.
  • ކޯޓުގެ މަސައްކަތްތައް ތަރުތީބުކޮށް, ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި, ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުންނާއި, ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ކޯޓުގެ ހިދުމަތް ވީހާވެސް ރަނގަޅަށް ދެވޭނޭ އިންތިޒާމިތައް ހަމަޖެއްސުން.

ކްރިމިނަލް ކޯޓު މިވަގުތު ހިންގަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ފުރަގަހުގައި ހުންނަ އެސްޓީއޯގެ ކުރީގެ ހެޑް އޮފީސް ހިންގި އިމާރާތުގަ އެވެ.

ހަތަރު ބުރީގެ މިއިމާރާތަކީ ބޭނުންކުރަން ރައްކާތެރި ތަނެއްތޯ ބެލުމަށް ގެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންސްޕެކްޓްކޮށް ތައްޔާރުކުރި ރިޕޯޓްގައި ވަނީ މި އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ބުނެފަ އެވެ.

ޕްލޭނިން މިނިސްޓްރީން އެދިގެން ތައްޔާރުކުރި ރިޕޯޓްގެ މައުލޫމާތު އެ މިނިސްޓްރީން ވަނީ މިދިޔަ އަހަރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ހިއްސާކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓު ހިންގަން ދައުލަތުގެ އެއްވެސް އިދާރާއެއްގައި މިވަގުތު ޖާގަ ނެތް ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ކުރިން ޑީޖޭއޭ އަސް އަންގާފައިވެ އެވެ. އެހެންވެ ޑީޖޭއޭ އިން ވަނީ ކްރިމިނަލް ކޯޓު ހިންގާނެ އިމާރާތެއް ލިބޭތޯ ޓެންޑާ ބޯޑު މެދުވެރިކޮށްވެސް ކުރިން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކްރިިމިނަލް ކޯޓު ހިންގަން އެކަށީގެންވާ އިމާރާތެއް ނުލިބުނު ކަމަށް ޓެންޑާ ބޯޑާ ހަވާލާދީ ޑީޖޭއޭ އިން ކުރިން މައުލޫމާތު ދީފައިވެ އެވެ.

ޖޭއެސްސީގެ ދަށުން ހިންގަމުންދާ ޑީޖޭއޭ އިން ވަނީ ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ހުޅުމާލެއިން ވެސް ބިމެއް ލިބޭތޯ މަސައްކަތްކޮށްފަ އެވެ. އެގޮތުން 6،200 އަކަފޫޓުގެ ބިމެއް ކުލި ދައްކާ ގޮތަށް ފަސް އަހަރަށް ލިބިދާނެ ކަމަށް އެޗްޑީސީން އަންގާފައިވެ އެވެ. ނަމަވެސް އެތަނުގައި ވަގުތީ ގޮތުން ހަތަރު ބުރީގެ އިމާރާތެއް އަަޅަންޖެހެނީ ޑީޖޭއޭގެ ބަޖެޓުން ކަމަށް އެޗްޑީސީން އަންގާފައިވާތީ އެފަދަ ހަރަދެއް ކުރާނެ ފައިސާ ޑީޖޭއޭގެ ބަޖެޓުގައި ނެތް ކަމަށް ޑީޖޭއޭ އިން ކުރިން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތަށް ކޯޓުގެ ހުރިހާ ކަމެއް 2015 ވަނަ އަހަރު ބަދަލުކުރީ ޖަސްޓިސް ބިލްޑިންގައި ކޯޓު ހިންގަމުން ދަނިކޮށެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ، ފާރުތަކުގައި ރެނދު ލާފައިވާ އަދި ވާރޭވެހޭ ދުވަސްތަކުގައި އާންމުކޮށް ސީލިންގުން ފެން ފޭބުން ފަދަ ކަންކަން ދިމާވާ އިމާރާތެކެވެ.