ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކަތުރުފަނި އެޅި ދުވަސްވަރު ޕްލޭނިން މިނިސްޓްރީން ހެދި އެ ކޯޓްގެ އިމާރާތުގެ ފިޒިކަލް ޓެސްޓަށް ފަހު އެއީ މީހުން ތިބެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ލަފާ ދީފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނާޒިރު ވިދާޅުވީ ކްރިމިނަލް ކޯޓު މިހާރު ހިނގަމުން ދަނީ ވަރަށް ހާލުގައި އޮތް އިމާރާތެއްގައި ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގައި ކަތުރުފަނި އަޅައިގެން، ހަފްތާއެއްހާ ދުވަސް ވަން ދެން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ނުގެންގޮސް މަޑުޖެހުނެވެ.
އެއިރު ޕްލޭނިން މިނިސްޓްރީން އެ އިމާރާތުގެ ފިޒިކަލް ޓެސްޓް ހެދުމަށްފަހު އެއީ މީހުން ތިބެން އެކަށީގެން ނުވާ ތަނެއް ކަމަށް ލަފާ ދީފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ. ނަމަވެސް ކްރިމިނަލް ކޯޓު ހިންގާނެ އިމާރާތެއް ހަމަޖައްސަން ބަޖެޓްގައި އެއްވެސް ފައިސާއެއް ނެތުމުން ނަޒީރު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
"ކްރިމިނަލް ކޯޓަށް ވެސް ދޭތެރެ ދޭތެރެއިން ފެން ފާބައި، ހަތުފާއެއްހާ ދުވަހަށް ދާދި ފަހުން ބަންދު ކުރީ ވެސް ކަތުރުފަނި އަޅައި ސީލިންގެ ބައެއް ވެއްޓިގެން، ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ފިޒިކަލް ޓެސްޓެއް ހަދައި، އެ ތަނުގައި މީހުން ތިބުން ރަނގަޅު ނޫން ކަމަށް ލަފައެއް ދީފައި." ނަޒީރު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކަތުރުފަނި އަޅައިގެން ޝަރީއަތްތައް ކެންސަލް ކުރަން ޖެހިއިރު، އެ ކޯޓުގައި ނުނިމި ދިގު ދެމެމުންދާ 1900 އަށްވުރެ ގިނަ މައްސަލަ ފާހަގަކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރިޕޯޓެއް އެކުލާވަލައި މަޖިލީހަށް ވެސް ފޮނުވައިފަ އެވެ.
ޝަރީއަތްތައް ލަސްވާ ސަބަބު ދެނެގަންނަން ޓާސްކްފޯހެއް ހަދަން ލަފާ ދިނުމަށް މަޖިލީހުން ފާސް ކުރިއިރު، ބަޖެޓް ކޮމިޓީގައި ޑީޖޭއޭގެ އިސް ބޭފުޅުން ވިދާޅުވި ގޮތުގައި މައްސަލަ ލަސްވާ އެއް ސަބަބަކީ މާލޭގައި ހުންނަ ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހުރުމެވެ.