ކްރިމިނަލް ކޯޓް

ދޭވާނީއެއް ނެތުމުން ހައްދު ޖެހުން ހުއްޓިފައި!

ކްރިމިނަލް ކޯޓުގައި ދޭވާނީއެއް ނެތުމުން ހައްދު ޖަހަންޖެހޭ މައްސަލަތަކުގައި ހައްދު ޖެހުން ހުއްޓިއްޖެ އެވެ.

ކޯޓުގައި ދޭވާނީއެއް ނެތް ކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަތަކުންނެވެ.

ކޮމިޓީގައި ޝަމީމް ވިދާޅުވީ ހައްދު ޖެހުމަށް ކޯޓުން ހުކުމް ކުރާ ކަމަށާއި ނަމަވެސް ކޯޓުގައި މިވަގުތު ދޭވާނީއަކު ނެތުމުން ހައްޖު ޖެހުމަށް ކޮށްފައިވާ ހުކުމްތައް މިވަގުތު ތަންފީޒު ނުކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ދޭވާނީ އަކީ ހައްދު ޖަހާ މީހާ އެވެ. ކްރިމިނަލް ކޯޓުގައި މިމަގާމު ހުސްވީ ކޮން ދުވަހަކު ކަމެއް ސާފެއް ނުވި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ޖޫން 26 ވަނަ ދުވަހު ވަނީ ދޭވާނީއެއްގެ މަގާމަށް މީހަކު ހޯދަންވެސް އިއުލާންކޮށްފަ އެވެ. މާދަމާ އަށް މުއްދަތު ހަމަވާ ގޮތަށް ކޮށްފައިވާ މިއިއުލާންގެ ދަށުން ދޭވާނީގެ މަގާމަށް ހޮވާ މީހަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،000 ރުފިޔާ އެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރުގެ މާޗްގެ ނިޔަލަށް ޒިނޭގެ 150 މައްސަލއެއް ކުރިއަށް ގެންދިޔައިރު މިދިޔަ 10 އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޒިނޭގެ 33 މައްސަލައިގެ ތެރެއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެ އެވެ. ހައި ކޯޓުގައި 51 މައްސަލައެއް ހިންގިއިރު ސާބިތު ނުވެ އޮތީ އެންމެ މައްސަލަ އެކެވެ.