ޖޭއެސްސީ

އަދީބުގެ މައްސަލަތައް ބޭރުކޮށްލި ގާޒީގެ މައްސަލަ ބަލަނީ

ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބަލަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިިފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމަވާފައިވަނީ އިއްޔެއެވެ. އެ ނިންމެވުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީން މިރޭ ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 50 ވަނަ ބައްދަލްވުމުގައި ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަޑާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށްފައިވަނީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލާގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލު ކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ. ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އުފުލި ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅި އެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ.

އިއްޔެ ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮތް ނިންމެވުމަކީ ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ވެސް އަދި އެ ގަބޫލު ނުކުރާ ކަމަށް ވެސް އަދީބު ވެސް ވިދާޅުވެފައި ނެތް ކަމަށެވެ.

"މި ހުކުމްގައި ކަންބޮޑުވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި، އަޅުގަނޑުމެންނެއް އަދީބު ފުރަތަމަ ހައްޔަރުކުރި ކަމުގެ ލިޔުންތަކެއް ޝަރީއަތަށް ހުށަހަޅާފައެއް ނޯންނާނެ، ހައްޔަރުކުރި ދުވަހެއް ވެސް ތުހުމަތެއް ވެސް ކުށެއް ވެސް އަޅުގަނޑުމެން މި މައްސަލާގައި ކުރިމިނަލް ކޯޓާ ހިއްސާކޮށްފައެއް ނުވާނެ، އެހެންނަމަވެސް މި ހުކުމްގައި މިކަން ވަރަށް ތަފްސީލްކޮށް އެބަހުރި، އަޅުގަނޑަކަށް ނޭނގޭ ފަނޑިޔާރު އެތަކެތި ހޯދި ގޮތެއް ވެސް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މައްސަލައެއްގައި ފަނޑިޔާރު ބައްލަވަން ޖެހޭނީ ކޯޓަށް ހުށަހަޅޭ ލިޔުންތަކާއި ދެ ފަރާތުން ދައްކާ ވާހަކަތަކަށްކަން ގާނޫނުން ވަރަށް ސާފެވެ. އެހެންވެ، މި ހުކުމް އައިސްފައި އޮތް ގޮތެއް ސާފުނުވާ ކަމަށާއި އަދި މިކަން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މި މައްސަލަ ކޯޓުން ނިންމާފައި އޮތް ގޮތެއް ގާނޫނީ ގޮތަކުން ވެސް ހަމައެއް ނުޖެހޭ، މައުޟޫއީ ގޮތަކުން ވެސް ހަމައެއްނުޖެހޭ، އާދައިގެ ވިސްނުމުން ވިސްނާ ނަމަވެސް ހަމައެއްނުޖެހޭ، ނުލިބޭ މައުލޫމާތެއްގެ މައްޗަށް ބައިވަރު ވާހަކަ ލިޔުމަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނީ ނިޒާމްގެ ތެރޭގައި ފަނޑިޔާރަކަށް އެނގޭ ކަމެއްގެ މައްޗަށް ގޮތް ނިންމައި ހުށަހެޅޭ ހެކިތަކުގެ މައްޗަށް ރިއާޔަތް ކުރުމަށް ކަނޑައަޅާފައި އޮންނަނީ މުހިންމު މަގުސަދެއްގައި ކަމަށް ޝަމީމް ވިދާޅުވި އެވެ. ފަނޑިޔާރަކަށް އެނގޭ މައުލޫމާތުތަކެއްގެ މައްޗަށް ހުކުމް ކުރަން ވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވި އެވެ.

"ގާޒީ ހަމަ ދަމުންދަމުން މި ޓޯޗާގެ އަމަލެކޭ، މިހެން ހަދާށޭ، އެއެއް ނޫން ކަން ހިނގާ ގޮތަކީ، އެކަން އޮޅިގެން އުޅޭ ކަމަށްވަންޏާ އަޅުގަނޑުމެންގެ ކަމަކީ އެކަން ސާފުކޮށް ދިނުން،" ޝަމީމް ވިދާޅުވި އެވެ.

އަދީބު ބޭސްފަރުވާއަށް ދިޔުމުގެ ޝަރުތެއްގެ ގޮތުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފައިވަނީ ނުފޫޒު ފޯރުވައި ޓޯޗާކޮށްގެން ކަމަށް ގާޒީ އިސްމާއިލް ރަޝީދު ވަނީ ކަނޑައަޅުއްވާފަ އެވެ. ނަމަވެސް ޝަމީމް ވިދާޅުވީ އެއީ ޓޯޗާއެއް ކަމަށް ގާޒީ ކަނޑައެޅުއްވި ގޮތެއް ނޭނގޭ ކަމަށެވެ. ޓޯޗާއެއް ކަމަށް އަދީބު ވެސް ޝަރީއަތުގައި ވިދާޅުވެފައިނުވާއިރު އެފަދަ މައްސަލައެއް އެޗްއާރްސީއެމްއަށް ވެސް ހުށަހަޅާފައިނެތް ކަމަށެވެ. އެހެންކަމުން ކަން ހިނގާފައި ގޮތް ރަނގަޅަށް ނުބާލައި އެގޮތަށް ކަނޑައެޅުމަކީ ގޯހެއްގެ ގޮތުގައި ޝަމީމް ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ގާޒީ އިސްމާއީލް ރަޝީދަށް އަމާޒުކުރައްވާ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ގާޒީ ރަޝީދަކީ ވަރަށް "ގަމާރު" ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައިވެއެވެ.