ހަބަރު

އަދީބުގެ މައްސަލާގައި ހުކުމް ކުރި ގާޒީގެ މައްސަލަ މަޖިލީހަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ވަނީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށް ކޯޓުން މައްސަލަ ބޭރުކޮށްލަން ގާޒީ ރަޝީދު ހުކުމް ކޮށްފައި ވަނީ ގާނޫނުތަކާއި ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

މި މައްސަލަތައް ކޯޓުން ބޭރުކޮށްލުމުގައި ރިއާޔަތްކުރީ ދައުލަތާއި އަދީބާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އަދީބު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނުމުގެ ވާހަކައަށް ކަމަށް އަދީބު ވަރަށް ފަހުން ދެއްކި ވާހަކައެއްގެ މައްޗަށް ކަމަށާއި ނަމަވެސް ޝަރީއަތުގައި ދައުލަތާއި އަދީބު ގާތުގައި ވެސް އަހާފައި ނުވާ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ. އެކަމަށް އަދީބުގެ ފަރާތުން ޝަރީއަތުގައި އެދިފައި ނުވަނިކޮށް ކަމަށް ވެސް މައްސަލާގައިވެ އެވެ.

ހަސަން ލަތީފް ވިދާޅުވީ ދައުވާ އުފުލޭ މީހަކު ފަހުން އެ ދައުވާއަށް އިންކާރު ކުރިޔަސް ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ދައުލަތަށް ފުރުސަތު ދޭން ވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތު ވެސް ދީފައިނުވާ ކަމަށެވެ.

އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށް ގާޒީ ރަޝީދު ހުކުމް ކޮށްފައި ވަނީ އަދީބުގެ އިއުތިރާފުގެ އިތުރުން ދައުވާ ސާބިތުވާނެ ކިތާބީ ހެކިތައް ވެސް ހުއްޓާ ކަމަށެވެ. އެހެންކަމުން ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއިން ބެލުމަށް މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅުމަށް ގޮވާލައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބަލައިދިނުމަށް ގޮވާލައްވައި މަޖިލީހަށް މައްސަލައެއް ވެއްދިއިރު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވަނީ ގާޒީ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.