ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ނިންމައިފިން އެވެ.
ޕީޖީ އޮފީހުން ބުނީ އެ ނިންމުން ނިންމީ ހަތަރު ކަމެއްގެ މައްޗަށް ބެލުމަށް ފަހު ކަަމަށެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމި ޕީޖީ އޮފީހަށް ހުށަހެޅުމުގެ މަރުހަލާގައި އޮތުމުން ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައަކަށް ވުމާއި ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަވުމާއި އަނިޔާ ލިބުނު މީހާގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވުން އަދި މިއަމުރަށް އެދި ހުށަހެޅިއިރުގެ ހާލަތާއި މިހާރުގެ ހާލަތު ބަދަލުވެފައިވާތީ ކަމަށެވެ.
މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސޫއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައި ވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން އީސަ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކިކުރަން މަސައްކަތް ފަށާފައިވަނިކޮށް އީސަ ވަނީ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާފައެވެ. ތުހުމަތުތަކާއި ގުޅިގެން އީސަ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމަށެވެ.
"ދިވެހި ފުލުހުންނާމެދު އަޅުގަނޑުގެ އިތުބާރު އޮތް ވާހަކަ އާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުންދޭނެ ވާހަކަ މި ފުރުސަތުގައިވެސް ދަންނަވަން،" އީސަގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.