ހަބަރު

އިސްލާހުތައް ތަންފީޒު ކުރަން ބަޖެޓް ބޮޑުކޮށްދޭން ޑީޖޭއޭ އެދިއްޖެ

ސަރުކާރުގެ އިސްލާހީ އެޖެންޑާ ތަންފީޒުކޮށް މައްސަލަތައް ބާރު މިނުގައި ކުރިއަށް ގެންދަން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ދީފައިވާ ބަޖެޓް ބޮޑު ކޮށްދޭން އެ އިދާރާއިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ދެ ހާސް ވިހިވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ޑީޖޭއޭއަށް 508 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެކަމަކު ޑީޖޭއޭއިން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ އެ އިދާރާއަށް އިތުރު 71 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މާލޭގައި ހިންގާ ހުރިހާ ޝަރުއީ ކޯޓުތަކުގައި ޖާގައިގެ ދަތިކަން އޮތް އިރު ކްރިމިނަލް ކޯޓު ހިންގަމުން ދަނީ ވަރަށް ހާލުގައި އޮތް އިމާރާތެއްގައި ކަމަށެވެ. އަދި އެއީ މީހުން ތިބެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާ ދީފައިވާތީ އެ ކަންކަމަށް ބަދަލު ގެނައުމަށް އިތުރު ފައިސާ ބޭނުންވާ ކަމަށެވެ.

"ކްރިމިނަލް ކޯޓަށް ވެސް ދޭތެރެ ދޭތެރެއިން ފެން ފާބައި، ހަތުފާއެއްހާ ދުވަހަށް ދާދި ފަހުން ބަންދު ކުރީ ވެސް ކަތުރުފަނި އަޅައި ސީލިންގެ ބައެއް ވެއްޓިގެން، ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ފިޒިކަލް ޓެސްޓެއް ހަދައި، އެ ތަނުގައި މީހުން ތިބުން ރަނގަޅު ނޫން ކަމަށް ލަފައެއް ދީފައި." ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވި ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ކޯޓުތަކުގެ ގާނޫނަށް އެންމެ ފަހުން މަޖިލީހުން ގެނައި އިސްލާހާއެކު ކޮންމެ ކޯޓެއްގައި ވެސް ޗީފް އެޑްމިނިސްޓްރޭޓަރަކު ހުންނަން ޖެހޭއިރު، 149 ކޯޓުގެ ތެރެެއިން ގިނަ ކޯޓުތަކުގައި ސީނިއާ އެޑްމިން އޮފިސަރެއް ވެސް ނެތް ކަމަށެވެ.

ހުރިހާ ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރެއް ހޯދަން ބޮޑު ހަރަދެއް ކުރަން ޖެހޭތީ އެ މަސައްކަތް ތިން އަހަރަށް ބަހާލައިގެން ކުރަން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ. އެ ގޮތުން އަންނަ އަހަރު 71 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދަން ބޭނުންވާ 12 މިލިއަން ރުފިޔާ ބަޖެޓްގައި އޮތް ނަމަވެސް އެ ފަރާތްތަކަށް ދޭނެ މުސާރަ ބަޖެޓްގައި ނެތް ކަމަށް ނަޒީރު ވިދާޅުވި އެވެ.

އައްޑޫ ސިޓީއާއި އަތޮޅުތަކުގެ ރަށްތަކަށް 16 ކޯޓު ކޮމްޕްލެކްސް އަޅަން 150 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި އޭގެ ތެރެއިން 50 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމަނަން މަޝްވަރާ ކުރެވުނު ކަމަށް ނަޒީރު ވިދާޅުވި އެވެ. އެކަމަކު ބަޖެޓްގައި އޮތީ ތ. ގުރައިދޫގެ މަޝްރޫއު އެކަނި ކަމަށެވެ.

އޭގެ އިތުރުން 500 އަށްވުރެ މަތީގެ ކޮންމެ އާބާދީއެއްގައި މެޖިސްޓްރޭޓަރު ހުންނަން ޖެހޭނެ ކަމަށް ގާނޫނުގައި ވަރަށް ކުރީއްސުރެން ވެސް އޮންނަ ކަމަށާއި ނަމަވެސް ވަރަށް ގިނަ ރަށްރަށުގައި މިހާރު ވެސް މެޖިސްޓްރޭޓަރުން ތިބި ކަމަށެވެ.

އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މައްސަލަތައް ލަސްވަމުންދާ ކަމުގެ ޝަކުވާ ވެސް ލިބެމުންދާތީވެ، އިތުރު 14 ފަނޑިޔާރުން ހޯދަން އިއުލާން ކުރިއިރު، އެ ފަނޑިޔާރުންނަށް ދޭނެ މުސާާރަ ވެސް ބަޖެޓްގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.