ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ފާޑު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް އެވެ.
މި ބިލުގައި ވަނީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށް ވުރެ ކުޑަ ނޫން މިންވަރެއްގައި ލިވިން އެލަވެންސް ހަމަޖެއްސުމަށާއި ހައުސިން މަޝްރޫއުތަކަށް ފަނޑިޔާރުންނަށް ފަސޭހައިން ކުރިމަތިލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ.
އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ފަނޑިޔާރުގެއަށް ހެޔޮބަދަލު ގެނައުމުގެ ވައުދާއެކު އެމްޑީޕީން ވެރިކަމަށް އައުމަށްފަހު ފަނޑިޔާރުގެ އިސްލާހު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
އެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރުމުގެ ވައުދާއެކު އެމްޑީޕީން ވެރިކަމަށް އައުމަށްފަހު އެކަން ނުކޮށް ބޭއްވި ކަމަށާއި މިހާރު އެކަން ފަށާފައިވަނީ ދައުރު ނިމެން ދުވަސްކޮޅަކަށްވުމުން އިހްލާސްތެރި ނިޔަތެއްގައި ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ އެމްޑީޕީން ފަނޑިޔާރުން ސިފަކުރަނީ ދަށުދަރަޖައެއްގައި ކަމަށާއި މި ބިލަކީ ފަނޑިޔާރުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށެވެ.
އިބްތިދާއީ ބަހުސްގައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ މެޖިސްޓްރޭޓެއްގެ ތައުލީމީ ފެންވަރަކީ ޑިޕްލޮމާ ފެންވަރު ކަމަށް އޮންނަ އޮތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ ޑިގްރީއަށް ކިޔެވުމަށް ހޭދަވާ މުއްދަތަށް ބަލައިލުމުން ޑިޕްލޮމާ ފެންވަރަކީ ކޮން ފެންވަރެއްކަން ވަޒަންކުރަން އެނގޭނެ ކަމަށެވެ. އާންމުކޮށް އެންމެ އަހަރަކުން ޑިޕްލޮމާ ނިންމާލެވޭއިރު ޑިގްރީއަށް ތިން އަހަރު ހޭދަވާ ކަމަށް ވިދާޅުވި އެވެ.
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ތިއްބަވާ ފަނޑިޔާރުންނަކީ ތައުލީމު ލިބިފައިވާ ގާބިލުކަން ހުރި ފަނޑިޔާރުންނަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ ދަށްވެގެން މާސްޓާސް ޑިގުރީ އޮތް ބަޔަކަށް ހެދުމަށެވެ.