ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން މިއަދު ނިންމައިފި އެވެ.
ޖުޑީޝަރީ ކޮމެޓީން މި ނިންމުން ނިންމާފައިވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.
ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް އެދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖޭއެސްސީ އިން ނިންމީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އޮތް ބައްދަލްވުމުގައެވެ. އެ ނިންމުން އެ ކޮމިޝަނުން އާންމުކުރީ އެ ރެއެވެ.
އެ މައްސަލަ މަޖިލީހަށް ހުށައެޅީ އޭގެ ފަސް ދުވަސް ފަހުން އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. މިމައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުއްވި ސިޓީ ބުނެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ދެ ފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމަށެވެ. އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީއާ ހިލާފަށް އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަަށެވެ.
ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ މާލީ ހާއްސަ ލުއިތަކަކާއެކު އަދި އެ ބާވަތުގެ ބޯހިޔާވަހިކަން ހަމަޖެއްސުމުގައި ދައުލަތުން ބަލައި އާންމު އުސޫލުތަކުގެ ބޭރުން ކަމަަށްވެސް ސިޓީގައިވެ އެވެ.
ސިޓީގައި ބުނެފައިވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދު ހަވާލުވުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެކަމަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަހްލާގީ މިންގަނޑު ބަހައްޓަންވާނީ ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި އިތުބާރު ކުރެވޭ ފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ވެސް ހިލާފު އަމަލެއް ކަން ސާބިތުވާ ފަދަ އަމަލެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެހެން ކަމުން ފަނޑިޔާރުކަމުގެ މަގާމުން އަބުދުއްރައޫފް އިބްރާހީމް އަދި އަބުދުﷲ ހަމީދު ވަކިކުރުމަށް ޖޭއެސްސީން ނިންމާ، މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދިފައިވެ އެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީން ވަނީ ޖޭއެސްސީގެ ނިންމުން ގޯސް ކަމަށް ކަނޑައަޅާފައެވެ. އަދި ދެ ފަނޑިޔާރުންގެ މައްސަލަ އަލުން ބެލުމަށް އެދިފައިވެއެވެ. އެ ގޮތަށް ނިންމީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުށައަޅުއްވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ތާއީދު ކުރެއްވި ހުށައެޅުން ކޮމެޓީގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. ކޮމެޓީން މައިގަނޑުކޮށް ފާހަގަކޮށްފައިވަނީ އެ މައްސަލާގައި ބަލަން ޖެހޭ މިންވަރަށް ކަންކަން ބަލާފައިނުވުމެވެ. އަދި މައްސަލާގައި ޖަވާބުދާރީވުމަށް ފަނޑިޔާރުންނަށް ފުރުސަތު ދީފައިނުވުމެވެ.
ޖުޑީޝަރީ ކޮމެޓީއަށް ދެ ފަނޑިޔާރުން ފޮނުއްވެވި ސިޓީގައިވެސް ދިފާއުގައި މައިގަނޑުކޮށް ދައްކަވާފައިވަނީ އެ ވާހަކަތަކެވެ.
މިއީ މި ސަރުކާރު އައިފަހުން ޖޭއެސްސީގެ ނިންމުމެއް މިފަދަ ގޮތަކަށް އަނބުރާ ފޮނުވާލި ފުރަތަމަ ފަހަރެވެ. މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓްގައި އޭރު ތިއްބެވި ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ކްރިމިނަލް ކޯޓްގެ ވަރަށް ގިނަ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އެ މަޖިލީހުގެ ފުރިހަމަ ރުހުން އެކަމަށް ލިބިފައިވެއެވެ.