ރައްޔިތުންގެ މަޖިލީހުގެ މި ހިނގަމުންދާ ދައުރުގައި މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކަތަކުން ވެސް ޖޭއެސްސީ އިސްލާހުކުރަން ޖެހިފައިވާކަން އެނގިގެންގޮސްފައިވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ކުރިން ބަންޑާރަ ނައިބުގެ މަގާމުވެސް ފުރުއްވާފައިވާ އުޝާމް މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއޭސްސީ)ގައި ސިޔާސީ މީހުން ނުތިބެވޭގޮތަށް ހަދައި އެ މުއްސަސާ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
އުޝާމް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ވެރިކަން ކުރާ އެމްޑީޕީން ވެސް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާ ހަމައަށް ވެސް ދެކެމުން އައީ މިގޮތަށް ކަމަށެވެ. ހަމަ އެހެންމެ ރައްޔިތުން ޖޭއެސްސީއަށް ކުރާ އިތުބާރު ވެސް ދެމެހެއްޓޭނީ ވެސް ޖޭއެސްސީ ބަދަލުކޮށްގެން ކަމަށެވެ.
މަޖިލީހުގައި މެމްބަރުން ދައްކަމުންދާ ވާހަކަތަކުން ވެސް ޖޭއެސްސީ ބަދަލުކުރަން ޖެހޭކަން އެނގިގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން އިތުރަށް ސާފުވެގެން ދިޔަ ނިމިގެން ދިޔަ ހަފްތާގައި މަޖިލީހުގެ ތެރޭގައި ދެކެވުނު ވާހަކަތަކުން ވެސް. ފަނޑިޔާރުންގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހަކާ ގުޅިގެން މި މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި ބައެއް މެމްބަރުން އެބަހުރި ވިދާޅުވެފައި ބައެއް ސިޔާސީ މީހުންގެ މައްޗަށް ހުކުމް ނުކުރާކަމަށް ވަނީ ނަމަ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭނެއޭ." އުޝާމް ވިދާޅުވި އެެވެ.
އުޝާމް އެ އިޝާރާތްކުރެއްވީ ނިމިގެން ދިޔަ ހަފްތާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގައި ދެއްކެވި ވާހަކަތަކަށެވެ. އަލީ އާޒިމް ވިދާަޅުވި ގޮތުގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ނުކުރާ ފަނޑިޔާރުން ވަކިކުރަން ޖެހިދާނެ އެވެ.
އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ވާހަކަތައް މަޖިލީހުގައިި އެއްގޮތަަކަށް ވެސް ދެކެވިގެން ނުވާނެ އެވެ. އަދި މިއި ގާނޫނު އަސާސީން ފަނޑިޔާރުންނަށް ލިބޭ ރައްކާތެރިކަމަށް އަރައިގަނެ ފަނޑިޔާރުން ނުފޫޒު ފޯރުވުން ކަމަށެވެ.