ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަރަށް ފުރިހަމަކޮށް ކުރެވިފައިވާ ކަމަށާއި ޝަރުއީ ދާއިރާ އާއި ޝަރުއީ ކޯޓުތަކާ ގުޅޭ ގޯސް ވާހަކަތައް މިހާރު އެއްގޮތަކަށް ވެސް ރައްޔިތުން ނުދައްކާ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެންމެ ބޮޑަށް ކުރި މަސައްކަތަކީ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ.
"އާ ސުޕްރީމް ކޯޓެއް އަޅުގަނޑުމެނަށް ލިބިއްޖެ. އަޅުގަނޑުމެނަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެވިއްޖެ. އަޅުގަނޑުމެންނަށް ޖުޑިޝަލް ސާވިސް ކޮމިޝަން ރަނގަޅަށް ހިންގަން ފެށިއްޖެ. ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލަން ފެށިއްޖެ." ޝަރުއީ ދާއިރާގައި އިސްލާހު ކުރެވުނު ކަންކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހުވެފައިވާ ކަމުގެ އެންމެ ބޮޑު ހެއްކެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ސާފުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ކޯޓުތަކާއި ޝަރުއީ ދާއިރާއާ ގުޅުން ހުރި އެއްވެސް ކަމަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކޮށްފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސޯޝަލް މީޑިއާއަށް ބަލާލިޔަސް ފެންނާނެ، އޭގައި ނެތް ކޯޓެއްގެ ވާހަކައެއް. އާންމު މީޑިއާއެއްގައި ވެސް ކޯޓެއްގެ ވާހަކަ ނާދޭ. އެހެން ގޮތެއް އެ ވަނީ އެ ކަމެއް ރަނގަޅަށް ހިނގާތީ. ރަނގަޅަށް ކަމެއް ހިނގަން ފެށީމަ އެހާ ބޮޑަކަށް ސަނާ ކިއުމެއް ނޯންނާނެ. އެހެންވިޔަސް ގޯސްކޮށް ހިނގާނަމަ އެ ކަން ފާހަގަ ވެސް ކުރާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހުށަހެޅި "އެޖެންޑާ 19" މެނިފެސްޓޯގައިވާ ގާނޫނީ އޮނިގަނޑުތަކުގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް ދެކެވުނީ ވެސް ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި އިންސާފު ގާއިމު ކުރުމެވެ. މަޖިލީހަށް އަހަރެއް ވެގެން ދިޔައިރު ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލު ކުރުން ފަދަ ގިނަ މަސައްކަތްތައް ކޮށްފައިވެ އެވެ.
ނަމަވެސް ޝަރުއީ ދާއިރާއާ ގުޅޭ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އޮންނަ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ. ރައީސް ނަޝީދު ވެސް އެ ކޮމިޝަންގައި އިންނަވައިގެން ކުރިއަށްދާތީ މަޖިލީހަށާއި އެމްޑީޕީއަށް ފާޑުކިއުންތައް އަމާާޒުވެފައިވެ އެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވެސް އެ ކޮމިޝަނުގައި އިންނަވަ އެވެ. މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ވެސް އިންނަވަ އެވެ. ޖޭއެސްސީގައި ތިއްބަވައިގެން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.