ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެވިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރު ޣަނީ ވަކި ކުރުމުގެ މައްސަލަ ލިބިފަިއވާ ކަމަށާއި މާދަމާގެ ޖަލްސާގައި ރިޔާސަތުން އެ ކަން އިއުލާން ކުރައްވާނެ ކަމަށެވެ.
މާދަމާގެ ޖަލްސާގައި މައްސަލަ އިއުލާން ކުރުމަށް ފަހު ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާނެ އެވެ. ފަނޑިޔާރު މަގާމުން ވަކިވާނީ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް ތަޅުމަށް ގޮސް، މެންބަރުން އެއަށް ބަހުސް ކުރެއްވުމަށްފަހު، އެ ކަމަށް ނަގާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.
ފަނޑިޔާރު ކަމުން ޣަނީ ވަކި ކުރުމާއެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބި ހުރިހާ ފަނޑިޔާރުން ބަދަލުކޮށް ނިމޭނެ އެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ ފަނޑިޔާރުން ބަދަލުކޮށް ނިމުނު ނަމަވެސް ޝަރުއީ ދާއިރާ އިސްލާހު ކުރެވުނު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ނިޒާމު އިތުރަށް ހަރުދަނާކޮށް ފަނޑިޔާރުންގެ ކަންކަން ގާތުން ބަލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު އޭނާ މަގާމުން ވަކި ކުރުން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވީ މިދިޔަ ބުދަ ދުވަހުގަ އެވެ. ޣަނީ ވަކި ކުރަން ހުށަހަޅަން ނިންމީ އޭނާ 60 ދުވަހަށް ސަސްޕެންޑް ވެސް ކުރުމަށްފަހު އެވެ.
ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަނީ ވަކިކޮށްފަ އެވެ. މި ދައުރުގައި އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރިއިރު، މިދިޔަ ދައުރުގައި ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ވަކިކޮށްފަ އެވެ.