ގާނޫނީ ވަކީލަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ޖުޑިޝަރީ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިސްލާހު ފާހެއް ނުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް މި ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. އެކަމަކު ވޯޓުގައި ބައިވެރިވި 49 މެންބަރުން މި ބިލު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވެ އެވެ.
މި އިސްލާހުގައިވާ ގޮތުން ފަނޑިޔާރުކަމުން ވަކިވާ ނުވަތަ ވަކިކުރާ ތާރީހުން ފެށިގެން ހަ މަސް ފަހުން ގާނޫނީ ވަކީލުކަން ކުރަން ބޭނުންވާ ފަރާތްތަކުން ބާ ކައުންސިލަށް ހުށަހެޅުމުން އެއްވެސް މައްސަލައެއް ނެތްކަމަށް ވާނަމަ ހުއްދަ ދޭންޖެހެ އެވެ.
ބާ ކައުންސިލަށް ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އަނބުރާ ހޯދުމަށް ހުށަހަޅާއިރު ފަނޑިޔާރުގެ މަގާމުން ވަކިވެފައިވާނަމަ އެކަން ބަޔާން ކުރަން ޖެހެ އެވެ. އަދި މަގާމުން ވަކިކޮށްފައިވާނަމަ ވަކި ކުރި މައްސަލައިގެ ސަބަބު ބަޔާންކޮށްދޭން ޖެހެ އެވެ. އަދި އެ ގާނޫނީ ވަކީލަކު ގާނޫނީ ވަކީލެއްގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާކަން ބާ ކައުންސިލަށް ސާބިތުވާނަމަ ބާ ކައުންސިލުން އެބޭފުޅަކާ މެދު ފިޔަވަޅު އެޅޭނެ އެވެ.
މީގެ އިތުރުން ފަނޑިޔާރެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިވުމާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ދުވަހު ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ވަކީލެއްގެ ގޮތުގައި ނުދެވޭ ގޮތް ހަދަން ފަނޑިޔާރުންގެ ގާނޫނަށްވެސް އިސްލާހެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. މިއިސްލާހު ވެސް މަޖިލީހުން ފާހެއް ނުވި އެވެ. މިއިސްލާހު ފާސްކުރަން ފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 49 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
މި ދެ އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު ސުވާލު އުފެދި އެ ދާއިރާއަށް އޮންނަ އިތުބާރު ކުޑަވަމުންދާތީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރޭ ގޮތް ހެދުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އެވެ.
ފަނޑިޔާރު ކަމުން ވަކިކުރާ ބޭފުޅުންނަށް އެ ބޭފުޅުން މަގާމުން ވަކިކުރުމާ އެކު ކޯޓުތަކުގައި ވަކާލާތު ކުރުމަށް މިހާރު ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯވެ އެވެ.