ރައްޔިތުންގެ މަޖިލިސް

ޖުޑިޝަރީ ކޮމިޓީން ނިންމީ ޖޭއެސްސީއާއި ޑީޖޭއޭއާ ބައްދަލު ކުރައްވަމުން

ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިހްތިސާސްގެ ބޭރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދައުރަށް ހުރަސް އަޅާ ކަމުގެ ޝަކުވާތައް ސާފު ކުރުމުގެ ގޮތުން އެ ދެ މުއައްސަސާއެއްގެ އިސް ވެރިންނާ ބައްދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިރޭ ކުއްލި ގޮތަކަށް ބައްދަލުވުމެއް ބޭއްވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ބައިވެރިވެޑައިގެން ޖޭއެސްސީއާއި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތަކެއް ކުރިމަތިކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިގެން އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް ބުނެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖިހާން މަހްމޫދުގެ ތިން ހުށަހެޅުމެއް ހުށަހެޅުއްވި އެވެ. ފުރަތަމަ ހުށަހެޅުއްވުމަކީ ޖޭއެސްސީއާއި ޑީޖޭއޭގެ ދައުރަށް ހުރަސް އެޅުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމުގެ ޝަކުވާއެއް ލިބިފައިވޭތޯ ސާފު ކުރުމަށް ދެ މުއައްސަސާއަށް ސިޓީއެއް މެދުވެރިކޮށް މަޖިލީހަށް ފޮނުއްވުމަށް އެންގުމަށެވެ.

އެފަދަ ޝަކުވާއެއް ލިބިފައިވާނަމަ އެ ކަންކަން ސާފު ކުރުމުގެ ގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވީ އެންމެ އަވަހަކަށް ޖޭއެސްސީއާއި ޑީޖޭއޭއާ ބައްދަލު ކުރުމަށާއި، ޖޭއެސްސީއިން ޝަކުވާތަކަށް ވީ އަވަހަކަށް އަމަލު ކުރުމަށް ކޮމިޓީން ލަފާ ދިނުމަށް ވެސް ޖީހާން ހުށަހެޅުއްވި އެވެ. ކޮމިޓީގެ މެންބަރުންގެ ތާއީދުން އެ ހުށަހެޅުންތައް ފާސްކުރި އެވެ. ނަމަވެސް ބައްދަލު ކުރާނެ ތާރީހެއް މިރޭ ނުނިންމަ އެވެ.

ސުޕްރީމް ކޯޓުން ބައެއް ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީއާއި ޑީޖޭއޭގެ ދައުރަށް ހުރަސް އަޅަން އުޅޭ ކަމަށް ބުނެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއެއް ބޭއްވިއިރު، ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް ވެސް މިރޭ ދަނީ ކުރިއަށެވެ. އެނގިފައިވާ ގޮތުގައި އެ ކައުންސިލްގައި މިރޭ މަޝްވަރާ ކުރަނީ ވެސް މަޖިލީހުން ދާދި ފަހުން ފާސްކުރި ބައެއް ގާނޫނުތަކާ ގުޅޭ ގޮތުންނެވެ.

ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، ޖޭއެސްސީން ވަނީ އެ ކައުންސިލް ބައްދަލުވުމުގައި އެއްވެސް ގާނޫނަކަށް އަމަލު ނުކުރާން ނިންމައިފިނަމަ، އެ ކައުންސިލްގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މަޖިލީހުން ދާދި ފަހަކުން ވަނީ ޖޭއެސްސީގެ ގާނޫނަށް އިސްލާހުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑީޖޭއޭ ވަނީ ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތައް އެއްވެސް ކޯޓަކަށް ނުބެލޭ ގޮތަށް ވެސް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި ޑީޖޭއޭ އޮތީ އެ ކޯޓުގެ އަމިއްލައަށް ނިންމި ނިންމުމެއްގެ ދަށުން އެ ކޯޓުގެ ދަށަށް ގެންގޮސްގެންނެވެ. ނަމަވެސް އެންމެ ފުރަތަމަ ގާނޫނު އަސާސީގެ ދަށުން ޖޭއެސްސީ ވުޖޫދުވެގެން އައިއިރު ވެސް ޑީޖޭއޭ އޮތީ ޖޭއެސްސީގެ ދަށުގަ އެވެ.

ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދާއިރު، އުއްތަމަ ފަނޑިޔާރު ހިމެނިވަޑަިއގަންވާ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. ޖުޑިޝަލް ކައުންސިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ އިސް ފަނޑިޔާރާއި ސްޕީރިއާ ކޯޓުތަކުގެ އިސް ގާޒީންނާއި އުތުރާއި ދެކުނުން މެޖިސްޓްރޭޓަރަކު ތިއްބަވަ އެވެ.