ޑީޖޭއޭ

ރިޝްވަތު ހިފި ޖުޑިޝަރީގެ މުވައްޒަފަކަށް ބޮޑު ހުކުމެއް

ޖުޑިޝަރީގެ އިދާރީ ކަންކަން ބަލަހައްޓާ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފި މުވައްޒަފެއްގެ މައްޗަށް ބޮޑު ހުކުމެއްކޮށްފި އެވެ.

ޑީޖޭއޭގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ޑީޖޭއޭގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރި އެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތިން ދައުވާއަކާ ރިޝްވަތު ހިފުމުގެ ދައުވާއެކެވެ.

ހައިލަމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލީ 2019 ވަނަ އަހަރު ޑީޖޭއޭއަށް ބައެއް ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި އޭނާއާ ގުޅުން އޮންނަ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައި، އެތަނުން އެއް ކުންފުންޏަކާ ހަވާލު ކުރުމުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދި ކަމަށް ބުނެ އެވެ. މި މައްސަލަތަކަށް ހައިލަމްވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.

މި މައްސަލަތަކާ ގުޅިގެން ކުރި ދައުވާތަކަށް ވަކިވަކިން އަދަބު ކަނޑައަޅާފައިވާއިރު، ޖުމްލަ އަދަބަކީ 120 ގަޑިއިރު މުޖުތައުއަށް ހިދުމަތް ކުރުމާއި 82،200 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 241،244 ރުފިޔާ ދައްކަން ވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.