މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫފުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ މ. ހަވީރީފިނި އަލީ ފާރިޝްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުގައި ދައުވާކޮށްފި އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ޓެކުމުގެ ކުށުގެ ހަ ދައުވާއަކާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް އުފުލާފަ އެވެ.
ޓެކުމުގެ ދައުވާތަކެއއް ފާރިޝްގެ މައްޗަށް އުފުލާފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް މިދިޔަ އަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނިން އުމްރާއަށް މީހުން ގެންދާ ކަމަށް ބުނެ ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައި ނުވާތީއާއި އެ ފައިސާ އަނބުރާ ރައްދުކޮށްދީފައި ނުވާތީ އެވެ.
މި ދައުވާތައް ކޮށްފައިވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންނެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުންވެސް ހިމެނެ އެވެ.
އަލީ ފާރިޝްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައިވަނީ އުމްރާއަށް މީހުން ގެންދަން ކަމަށް ބުނެ ޓެކުމަކުން އެމީހުން އަތުން ފައިސާ ނިގުޅައިގަނެ، އެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއަ ޕްރައިވެޓް ލިމިޓެޑާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑަރކޮށްފައިވާތީ އެވެ.
ދައުވާތަކުގައިވާ ގޮތުން ފާރިޝް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ދިވެހި ރުފިޔާއާއި، 8،100 އެމެރިކާ ޑޮލަރެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ.
ޢަލީ ފާރިޝް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޢަދަދަކީ -/391،072 ދިވެހި ރުފިޔާއާއި، -/8،100 އެމެރިކާ ޑޮލަރެވެ.
މި މައްސަލައަކީ އަދިވެސް ތަހުގީގު ހިނގަމުންދާ މައްސަލަ އެކެވެ. އަލީ ފާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ މަޝްއަރު ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް މީހުން ގެންދިއުމަށްފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ހިޔާނާތްތެރިވި ބައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިގައި އޭނާގެ މައްޗަށް ދައުވާކުރުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.