ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ހަދަމުންދާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީ ހަދަމުންދާ މި އިމާރާތުގެ މަސައްކަތްތައް ރައީސް މުއިއްޒު ބައްލަވާލެއްވީ މިއަދު ހަވީރު އެތަނަށް ވަޑައިގެންނެވެ.
ރައީސް އެ ތަނަށް ވަޑައިގެންނެވި ބަންޑާރަނައިބް އަހްމަދު އުޝާމާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންއާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ރައީސް އޮފީހުގެ ބައެއް ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިދާރީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން އެތަނުގައި ތިއްބެވި އެވެ.
ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް ކްރިމިނަލް ކޯޓާއި ޑްރަގުގެ ކޯޓުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން ހަދަމުންދާއިރު އެ ތަނަށް ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.
ކްރިމިނަލް ކޯޓުގެ ބައެއް މަސައްކަތްތައް މާލޭގައި ހުންނަ ކުރީގެ އެސްޓީއޯ ހެޑް އޮފީހުގައި ހިންގަމުންދާއިރު ހުޅުމާލޭގައި ހުރި ކުޑަ އިމާރާތެއްގައިވެސް ކްރިމިނަލް ކޯޓުގެ ބައެއް މަސައްކަތްތައް ހިނގަމުންދެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ހާއްސަކޮށްގެން ކޯޓު ކޮމްޕްލެކްސްއެއް އެޅުމަށްވެސް ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ. އެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފަ އެވެ.