ޑރ. މުހައްމަދު މުއިއްޒު

މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ

މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ދެވޭ ގޮތަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓަށް އަންގާފައިވާ ކަމަށް ކޯޓުން އޭނާ ފޮނުވި އީމެއިލްގައި ބުނެފައިވަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނާއި ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ.

"އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި،" ރައީސް ވިދާޅުވި އެވެ.

މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައެޅުމަށްވެސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ޖޭއޭ އިން ހުޅުދެލި ކޯޓަށް ވަކި އެންގުމެއް އެންގީ އެ ކޯޓުގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ މައުލޫމާތާ އެކު އެމީހުން އަޅާ ހެދުމުގެ މައުލޫމާތު ކޯޓުން ޑީޖޭއޭއާ ހިއްސާކުރުމުންނެވެ.

ޑީޖޭއޭއާ ހަވާލާދީ ކޯޓުން އަންހެން މީހާއަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.

"ކެންޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ،" ކޯޓުގެ އީމެއިލްގައިވެ އެވެ.