އަހުމަދު މުއުތަޝިމް އަދުނާން

ޝަރުއީ ދާއިރާގެ ކަންކަން ބަދަލުވާންޖެހޭ: އުއްތަމަ ފަނޑިޔާރު

ޝަރުއީ ދާއިރާގެ ކަންކަން ހިންގާ ބަލަހައްޓަމުން އަންނަ ގޮތްތަކަށް ބަދަލު އަންނަން ޖެހޭ ކަމުގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއެކު ޝަރުއީ ދާއިރާގެ ކަންކަން ހިންގާ ބަލަހައްޓަމުން އަންނަ ގޮތްތަކަށްވެސް ބަދަލު އަންނަން ޖެހޭކަން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދ. ބަނޑިދޫގައި އަލަށް އިމާރާތް ކުރެވުނު މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ދ. ބަނޑިދޫ ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުކަން ކުރުމުގައި އަދުލުވެރިވުމުގެ އިތުރުން އިހްސާންތެރިކަން އިސްކުރުމަކީ ހުރިހާ ފަނޑިޔާރުންގެ ވާޖިބެއް ކަމުގައިވާންޖެހޭ ކަމަށެވެ.

ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިވަޑައިގެންފައިވާ ކަމަށް މީގެކުރިންވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު ތިން ފަނޑިޔާރަކު ހުވާ ކުރުމަށް މީގެކުރިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އޭރު ވިދާޅުވީ ފަނޑިޔާރުންނަކީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މަތީ ޒިންމާ ހަވާލުކުރެވިފައިވާ އެއް ފަރާތް ކަމުގައެވެ. އަދި ފަނޑިޔާރުން އިތުރު ކުރުމަކީ މައްސަލަތައް ނިންމަން އޮތް ހަމަ އެކަނި މަގު ނޫން ކަމަށާއި، އެ ނޫން ނިޒާމަކާ މެދު ވިސްނަން ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.

"ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ވެއްޖެ. ޖުޑިޝަރީއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ. އެހެން މި ދަންނަވާ ކިތަންމެ ކިތަންމެ ސަބަބެއް އެބަހުރި. މީހުން ނުވަތަ ގިނަ ފަނޑިޔާރުން އިތުރުކޮށްގެންނެއް ނޫން މައްސަލަތައް ނިންމައި ކުރިއަށް ގެންދެވޭނީ. އެ ނޫން ނިޒާމްތަކަކާ ދޭތެރޭ ފުންކޮށް ވިސްނަންވެއްޖެ،" މިދިޔަ އަހަރުގެ މެދު ތެރޭގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.