އަހުމަދު މުއުތަޝިމް އަދުނާން

ގާނޫނު އަސާސީއާއި ހައްގުތައް ހިމާޔަތް ކުރާނަން: އުއްތަމަ ފަނޑިޔާރު

ގާނޫނު އަސާސީ އާއި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކައް ހިމާޔަތް ކުުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.

ޖުޑިޝަލް އަހަރު ފެށުމުގު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ ޒިންމާއަކީ ﷲ ގަންދީ ކޮށްގެން ހުރި ހުވާގެ މަތީގައި ދެމިތިބުން ކަމަށެވެ. އެއީ ގާނޫނު އަސާސީއާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި ގާނޫނުތަކުން ކަށަވަރު ކޮށްދިފައިވާ ހައްގުތައް ހިމާޔަތް ކުރުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމާޒަކީ ރައްޔިތުން އެދޭ ފަދަ ފަނޑިޔާރުގެއެއް ގާއިމު ކޮށްދިނުން ކަމަށެވެ. އަދި އެ ކޯޓަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުން ކަމަށެވެ. އެ ކަން ކުރެވެން އޮތީ ނުފޫޒުގައި ނުޖެހި އަދުލު އިންސާފު ގާއިމު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނު އަސާސީ އާއި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ހިމާޔަތް ހިމާޔަތް ކުރާނަން، ގާނޫނީ ހުކޫމަތް ޝަރުއީ ދާއިރާއިން ހިމާޔަތް ކުރާނެ، ފަނޑިޔާރުގޭގެ ޒިންމާއަކީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އިމުގެ ތެރެއިން ގާނޫނު އަސާސީ ހިމާޔަތް ކުރުން، އެކަން ކުރާނަން،" މުއުތަސިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނެވި އެ ޖަލްސާގައި މުއުތަސިމް ވިދާޅުވީ ގާނޫނީ ހުކޫމަތް ހިމާޔަތް ކުރުމުގެ ޒިންމާއަކީ ހަމައެކަނި ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ ޒިންމާއެއް ނޫން ކަމަށެވެ. ދައުލަތުގެ ހުރިހާ ބާރުތަކުން ވެސް ގާނޫނީ ހުކޫމަތް ކަށަވަރު ނުކުރެވޭނަމަ މުޖުތަމައު ބައިބައިވެގެން ދާނެ ކަމަށެވެ.

"ގާނޫނުގެ ހުކޫމަތް ކަށަވަރުކޮށް ނަގައްހައްޓާ ކަށަވަރު ކޮށްދިނުމަކީ ހަމައެކަނި ކޯޓުތަކުގެ ޒިންމާއެއް ނޫން. އެ ޒިންމާއަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކާއި، ސަލާމަތީ ހިދުމަތްތަކާއި ކައުންސިލްތަކާއި ދިވެހިރާއްޖޭގެ ބާގެ މެންބަރުންނާއި، ރައްޔިތުންގެ ވެސް ޒިންމާއެއް. ގާނޫނުގެ ހުކޫމަތް ކަށަވަރު ނުކުރެވޭނަމަ، މުޖްތަމައު ބައިބައިވެގެންދާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.