ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ދެންމެ ކުރައްވައިފި އެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ހާއްސަ ދަރުބާރުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ނާއިބު ރައީސް ފައިސަލް ނަސީމަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މީޑިއާތަކަށް ދައުވަތު ނުދީ ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަތެވެ.
ފަތިހު 5:50 ގައި އޮތް އެ ދަރުބާރު ނިންމަވާލެއްވުމަށް ފަހު ނާއިބު ރައީސް ވަނީ ހައެެއް ޖެހި ފަހުން މަޖިލީސް އިދާރާއިން ނިކުމެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް އާއި ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހް ހާމަކުރެއްވީ ރޭ 9:14 ގައި ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް މިއަދު ހެނދުނު އެމަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ކުރައްވަނީ ހޭނައްތައިގެން ކަމަށް އެނގިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ނާއިބު ރައީސާ ހަވާލު ކުރެއްވީ އެ ސަބަބާއި ގުޅިގެން ކަމަށް ބެލެވެއެވެ.
ރައީސްގެ ޓްވީޓްގައި ސާޖަރީއަށް ފަހު އަވަސް ފުރުސަތެއްގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން އެނބުރި ވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ވަރަށް އަވަހަށް މަަސައްކަތަށް އެނބުރި އަންނާނަން، އިންޝާﷲ،" ރައީސް ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި ބުނެގައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާ ކޮންމެ މީހަކުމެ މަގާމާ ހަވާލުވުމުގެ ކުރީން އުއްތަމަ ފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ގާނޫނު އަސާސީގެ ޖަލުވަލު އެކެއްގައިވާ އެ މީހެއްގެ މަގާމުގެ ހުވައިކޮށް އެ ހުވައިގެ އިގުރާރުގައި ސޮއިކުރަންވާނެ ކަމަށެވެ.
ގާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި ބުނެގައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާ ކޮންމެ މީހަކުމެ މަގާމާ ހަވާލުވުމުގެ ކުރީން އުއްތަމަ ފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި މި ގާނޫނު އަސާސީގެ ޖަލުވަލު އެކެއްގައިވާ އެ މީހެއްގެ މަގާނުގެ ހުވައިކޮށް އެ ހުވައިގެ އިގުރާރުގައި ސޮއިކުރަންވާނެ އެވެ.ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމު ވަގުތީ ގޮތުން އަދާކުރާ މީހުން ހުވައިކުރުން
އެ ބާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުވެރިވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ. އެ މާއްދާގެ ހ ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޛުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްްހޫރިއްޔާގެ ނާއިބާ ހަވާލުކުރަން ވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާން ވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ކަމަށެވެ.
އެ މާއްދާގެ ށ ގައި ބުނެފައިވަނީ ރަައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީ ގޮތުން އަދާ ނުކުރެވޭ ފަދަ އުޛުރެއް ދިމާވާ ވަގުތު އެ އުޛުރުގެ ބާވަތުން އެކަން ރައްޔިތުންގެ މަޖިލީހުގެ ރަައީސަށް އެންގެން ނެތް ހިނދެއްގައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގާނީ ވަޒީރުންގެ މަޖިލީހުގެ އަގުލަބިއްޔަތުގެ ތާއީދާއެކު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމަށެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަގާމާ އަލުން ހަވާލުވެވެން ދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމުން އެންގުމަށް ފަހު ކަމަށެވެ.
ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިމަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މި މަހުގެ 23 ވަނަ ދުވަހު އެނބުރި ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރީން ރައީސް ވަނީ ތައިރޮއިޑް ބައްޔައް ފަރުވާކުރައްވާކަން ހާމަ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އެމަނިކުފާނުގެ ނާއިބާ ހަވާލުކުރައްވާފައިވާއިރު މިއީ ފަހުގެ ތާރީހެއްގައި ނާއިބު ރައީސްގެ އަތްޕުޅަށް ވެރިކަމުގެ ބާރުތައް ބަދަލުވި ފުރަތަމަ ފަހަރެވެ.