ފައިސަލް ނަސީމް

ނާއިބު ރައީސް ހުވާކުރައްވާނީ ފަތިހު 5:50 ގައި: މަޖިލީސް

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަގުތީ ގޮތުން ނާއިބު ރައީސްއާ ހަވާލު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާތީ އެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވުން މިރޭ ފަތިހު 5:50 ގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައީސް ސޯލިހް މިވަގުތު ހުންނެވީ ތައިރޮއިޑް ބައްޔައް ފަރުވާކުރެއްވުމަށް ސިންގަޕޫރުގައެވެ. ރައީސް ސޯލިހް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް މާދަމާ ހެނދުނު އެމަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުޔމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް އާއި ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިއްސާ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދެންމެ ބުނީ ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވުން ފަތިހު 5:50 ގައި ރައްޔިތުންގެ މަޖިލީހުގައި އޮންނާނެ ކަމަށެވެ.

އެކަމުގެ އިންތިޒާމު މިހާރު ދަނި ހަމަޖައްސަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މަޖިލީސް އަދި ސުޕްރީމް ކޯޓް ގުޅިގެން އެކަމުގެ ތައްޔާރީތައް ކުރިއަށް އެބަ ގެންދެއެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިމަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މި މަހުގެ 23 ވަނަ ދުވަހު އެނބުރި ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރީން ރައީސް ވަނީ ތައިރޮއިޑް ބައްޔައް ފަރުވާކުރައްވާކަން ހާމަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އެމަނިކުފާނުގެ ނާއިބާ ހަވާލުކުރައްވަން ނިންމަވާފައިވާއިރު މިއީ ފަހުގެ ތާރީހެއްގައި ނާއިބު ރައީސްގެ އަތްޕުޅަށް ވެރިކަމުގެ ބާރުތައް ބަދަލުވާ ފުރަތަމަ ފަހަރެވެ.