ދައުލަތުގެ ބަޖެޓް

ތިން ބާރުގެ ވެރިންގެ ގެކޮޅަށް 39 މިލިއަން ރުފިޔާ

Oct 31, 2021
1

އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ތިން ބާރުގެ ވެރިން ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ހަރަދުގެ ގޮތުގައި 39.5 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި ހައެއްގައި ދެވުނު ހަމަލާއަށްފަހު މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ދައުލަތުން ވަނީ ރަސްމީ ގެކޮޅެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ވަގުތީގޮތުން ހާއްސަކޮށްފައިވަނީ މ. މުރައިދޫގެ އެވެ. އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އަހްމަދު މުއުތަސިމް އަދުނާނަށް ހާއްސަކޮށްފައިވަނީ ރެހެންދި ފްލެޓްގެ އެޕާޓްމަންޓެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ މުލިއާގެ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ އަންނަ އަހަރުގެ ބަޖެޓަކީ 27.3 މިލިއަން ރުފިޔާ އެވެ. މިއަހަރު މުލިއާގެ އަށް ހަރަދުކުރުމަށް ނިންމާފައިވަނީ 24.9 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު މުލިއާގެ އަށް 2.4 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާނެ އެވެ.

މުލިއާގޭގެ އަންނަ އަހަރުގެ ބަޖެޓް:

  • ޖުމްލަ ހަރަދު: 27.3 މިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 26.2 މިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު: އެއް މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ އަންނަ އަހަރުގެ ބަޖެޓަކީ 6.9 މިލިއަން ރުފިޔާ އެވެ. އެ ގެކޮޅަށް މިއަހަރުގެ ބަޖެޓުން 245،000 ރުފިޔާ ހަރަދުކުރަން ނިންމާފައިވެ އެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ ގެކޮޅަށް އަންނަ އަހަރު ދައުލަތުގެ ބަޖެޓުން 6.6 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާނެ އެވެ.

މަޖިލިސް ރައީސްގެ ގެކޮޅުގެ އަންނަ އަހަރުގެ ބަޖެޓް:

  • ޖުމްލަ ހަރަދު: 6.9 މިލިއަން ރުފިޔާ
  • ބިއުރޯ ހިދުމަތްތައް: 1.3 މިލިއަން ރުފިޔާ
  • ކޯޕަރޭޓް ހިދުމަތްތައް: 3.2 މިލިއަން ރުފިޔާ
  • ހައުސް ހޯލްޑު ހިދުމަތްތައް: 2.4 މިލިއަން ރުފިޔާ

އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގެ އަންނަ އަހަރުގެ ބަޖެޓަކީ 5.4 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓުން އެ ގެކޮޅަށް އެއްވެސް ހަރަދެއް ކުރި ކަމަކަށް ބަޖެޓު ފޮތުގައި ބުނެފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ އަންނަ އަހަރުގެ ބަޖެޓް:

  • ޖުމްލަ ހަރަދު: 5.4 މިލިއަން ރުފިޔާ
  • ބިއުރޯ ހިދުމަތްތައް: 280،000 ރުފިޔާ
  • ކޯޕަރޭޓް ހިދުމަތްތައް: 3.8 މިލިއަން ރުފިޔާ
  • ހައުސް ހޯލްޑު ހިދުމަތްތައް: 1.3 މިލިއަން ރުފިޔާ

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ނައިބް ރައީސް ދިރިއުޅުއްވާ ހިލާލީގެ އަށް އަންނަ އަހަރު 7.3 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ. މިއަހަރު ހިލާލީގެ އަށް ހަރަދުކުރުމަށް ނިންމާފައިވަނީ އަށް މިލިއަން ރުފިޔާ އެވެ. އެހެންކަމުން ނައިބު ރައީސް ދިރިއުޅުއްވާ ހިލާލީގެ އަށް އަންނަ އަހަރު ކުރާ ހަރަދު މިއަހަރަށް ވުރެ 629،936 ރުފިޔާ މަދުވާނެ އެވެ.

ނައިބް ރައީސްގެ ގެކޮޅުގެ އަންނަ އަހަރުގެ ބަޖެޓް:

  • ޖުމްލަ ހަރަދު: 7.3 މިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 7.2 މިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު: 102،766 ރުފިޔާ