ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނީ އިހުލާސްތެރި ހެޔޮ ނިޔަތެއްގައި ކަމަށާއި ކޯޓުތަކަށާއި ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ދެހާސްވިހިވަނަ އަހަރަށް ޖުޑިޝަލް އަހަރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް މީހަކު ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަސް ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައި އޮންނަ ކަމަށެވެ. އެހެން އޮންނަނީ އެ ހައްގުތައް ހިމާޔަތް ކުރުމުގެ އެންމެ މުހިއްމު އެއް ޒިންމާ ފަނޑިޔާރުންނަށް މަތިކޮށްފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން އުޅެނީ ތެދުވެރި ނިޔަތެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ. އިސްލާހު ކުރުމުގެ މަސައްކަތުގެ ނަމުގައި ވިޔަސް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ސަރުކާރުން ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ދައުލަތް ހިންގަމުން މި ގެންދަނީ ދައުލަތުގެ ތިން ބާރަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ އެންމެ ފުރިހަމަ މިނިވަން ކަމުގެ ތެރޭގައި، ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަން. އަދި އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އަޅުގަނޑު ނުވެސް ކުރާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް މަސައްކަތް ކުރާނެ ފަނޑިޔާރުގެއެއް ގާއިމު ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ މަތީގައި ކުރިއަށް ދާނެ ކަމަށެވެ. އެ ކަމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ކުރިއަަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން ގާނޫނުތަކަށް ގެންނަން ޖެހޭ ގިނަ އިސްލާހުތަކެއް މިހާރު ވެސް ގެނެވިފައިވާއިރު އިތުރު އިސްލާހުތަކެއްް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ ގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައި. އެ އިސްލާހުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލިބިދޭ ބާރުތަކާއި މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިދޭ ހައްގުތައް މިހާރަށްވުރެ ސާފުކޮށް ބަޔާން ވެގެން ދާނެ. އަދި އެފަދަ މައްސަލަތައް ބަލާ ގޮތުގެ އިޖުރާއަތްތައް މިހާރަށްވުރެ ސާފުކޮށް ކަނޑައެޅިގެން ދާނެ." ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ޝަރުއީ ދާއިރާގެ ނިޒާމުގެ މުޅި އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ސަރުކާރުން ދިރާސާ ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެކަނި ކޯޓުތަކުގެ އިދާރީ ހިންގުން ބަދަލުކޮށް އަދި ބައެއް ގާނޫނުތައް އިސްލާހު ކުރުމަކުން ރައްޔިތުން ބޭނުންވާ ހަގީގީ ބަދަލު ފެންނާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވާހަކަފުޅުގައި އެންމެ ފަހުން ފާހަގަ ކުރެއްވީ، ޝަރުއީ ދާއިރާ އިސްލާހު ކުރެވެން އަންނާނީ އޮނިގަނޑަށާއި ނިޒާމަށް ގެންނަ ބަދަލުތަކުގެ އިތުރުން ފަނޑީޔާރުން އަމިއްލައަށް އިސްލާހު ވެގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ހުރިހާ ކަންކަމުން ފަނޑިޔާރުން ދުރުވާން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ ހައްގުތަކާއި ފަނޑިޔާރުންގެ ނިންމުންތަކާ ދެމެދަށް ހުރަސް އަޅާ ވަރަށް ގިނަ ކަންތައްތައް އެބަ ހުރި. ކޮރަޕްޝަނާއި ފައިސާގެ ދަހިވެތި ކަން. އަމިއްލަ މަސްލަހަތާއި ތަފާތު ނުފޫޒުތައް. މިއިން ކޮންމެ ކަމަކީ ވެސް ފަނޑިޔާރުން ނިޔާތައް އަނިޔާއަކަށް ވެގެން ދާނެ ކަންކަން. ފަނޑިޔާރުގޭގެ ނަޒާހަތްތެރި ކަމަށް ހުރަސް އަޅާ ކަންކަމަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ފަނޑިޔާރުންގެ ގައިގައި އަށަގަނެގެން ނޫނީ އަދުލު އިންސާފު ގާއިމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ޖުޑިޝަރީ އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދުފުޅެވެ.