ސުޕްރީމް ކޯޓަށް ހުށަހެޅިތާ 10 އަހަރުވެފައިވާ މައްސަލައެއް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބޭރުކޮށްލީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް އޮތް ގާނޫނުގެ މާއްދާއެއް ބާތިލުކުރަން ހުށަހެޅި މައްސަލައެކެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ 2013 ވަނަ އަހަރު ހުށަހެޅުއްވީ ނޭޝަނަލް ޑްރަގް އެޖެންސީގެ މިހާރުގެ ސީއީއޯ އިމާދު ސޯލިހް އެވެ.
އިމާދް ސޯލިހްގެ އިތުރުން އެޓާނީ ޖެނެރަލްގެ ފަރާތުންވެސް ހަމަ އެ އަހަރު ވަނީ މި މާއްދާ ބަދަލު ކުރަން ހުށަހަޅާފަ އެވެ. އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅީ އެ މާއްދާ ބާތިލުކޮށްދިނެވެ. ނަމަވެސް އިމާދު ސޯލިހް ހުށަހެޅި މައްސަލައަށް 10 އަހަރުވީ އިރުވެސް އެއްވެސް ގޮތެއް ނުނިންމަ އެވެ.
އިމާދް ސޯލިހު ހުށަހެޅި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެއީ އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
މި މައްސަލައިގެ އަޑު އެހުމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވިދާޅުވީ ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބަލާ ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ގައުމުގެ އާންމު މަސްލަހަތު ހިމެނޭ ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ކަމަށެވެ.
މުއުތަސިމް އިތުރަށް ވިދާޅުވީ އެ ނޫން ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރު އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފައި ވަނީ ކޮން ގޮތަކަށް ރިއާޔަތް ކޮށްފައި ކަން އެ ކޯޓުން މައްސަލަ ބަލައިގަތް ލިޔުމުން އެނގެން ނެތް ކަމަށް މުއުތަސިމް ވިދާޅުވި އެވެ. އަދި އެއީ ފުރަތަމަ މަރުހަލާގައި ސްޕްރީމް ކޯޓުން ބަލައިގަނެވޭނެ މައްސަލައެއް ކަމަށް ނުފެންނަ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގައި ފަނޑިޔާރު ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ މިއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.