ރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިން އެ ކޯޓުން އާންމު ކުރަން ފަށައިފި އެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިން އާންމު ކުރަން ފަށާފައިވާ ކަން އިއުލާން ކުރެއްވީ މިރޭ ޖުޑިޝަލް އަހަރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވީ، ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ކުރުމަށް ރާވާފައި ހުރި ކަންކަން އެބަ ހުރި ކަމަށެވެ. އެ ގޮތުން ޝަރީއަތުގެ އަޑުއެހުންތަކުގެ އޯޑިއޯ ރިކޯޑިން އާންމު ކުރެވޭ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޝަރީއަތްތަކުގެ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިން އާންމު ކުރުމުގެ އިތުރުން، ބަޖެޓް ލިބުނުހާ އަވަހަކަށް ޝަރީއަތްތަކުގެ އަޑުއެހުން ލައިވް ކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް އުއްތަމަ ފަނޑިޔާރު މިރޭ ވިދާޅުވި އެވެ. އަދި އަޑުއެހުންތަކަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތް ހަމަޖައްސަސާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ދެކެވިފައިވާ ވާހަކަތަކުގެ އޯޑިއޯ ވަކިން އަޑުއެހޭނެ އެވެ. މި އަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކުގެ ރެކޯޑިން މިހާރު ވެސް އަޑުއެހޭނެ އެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ކަމެކެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވްކޮށް ބްރޯޑްކާސްޓްކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުހުންތަކެކެވެ. އޭގެ ފަހުން އެއްވެސް ޝަރީއަތެއްގެ އަޑުއެހުމެއް ޓީވީން ލައިވް ކޮށްފައެއް ނުވެ އެވެ.