ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އައިސްފައިވާ ބަދަލާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތައް އުވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތައް އުވާލީ އެ ކޯޓުޖން އާންމުކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ބައެއް ނިންމުންތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން މިހާރު އަމަލުނުކުރެވޭ ނިންމުންތަކަކަށް ވާތީއެވެ.
އެގޮތުން ބައެއް ރޫލިންތަކާއި ސަރކިއުލާ އަދި އާންމު ސިޓީގެ އިތުރުން ބައެއް އުސޫލުތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ގާއިމުކުރުމާބެހޭ ސާކިއުލާ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް ބަޔާންކުރާ ސާކިއުލާ އާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ވާކްޝޮޕް/ސެމިނާ އަދި ކޮންފަރެންސް ފަދަ ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމުތަކުގައި ޝަރުއީ ދާއިރާއިން ބައިވެރިވުމާބެހޭ ގަވާއިދާއި ކޯޓުތަކުގެ ނިންމުންތައް އާއްމުކުރުމާބެހޭ ސިޓީ އާއި ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ނެރެފައިވާ އާއްމު ސިޓީއާއި އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް (މެމްސް) ސޮފްޓްވެއާ ޝަރުއީ ދާއިރާގައި ބޭނުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު ހިމެނެއެވެ.
އަދި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ޗުއްޓީ ދިނުމުގައި އަމަލުކުރާނެ ގޮތާއި ގުޅޭ ސިޓީ އާއި ޑޮކްޓަރެއްގެ ސެޓްފިކެޓާއެކު ސިއްހީ ސަބަބަކަށްޓަކައި ފަނޑިޔާރުންގެ ޗުއްޓީ ހަމަޖެއްސުމާ ގުޅޭ ސިޓީ އާއި ފަނޑިޔާރުންނަށް ހައްޖު އުމްރާ ޗުއްޓީ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ސިޓީ އާއި ފަނޑިޔާރުންގެ ޗުއްޓީއާ ގުޅޭ ސިޓީ އާއި ކޯޓުތަކުގެ ފަނޑިޔާރުންގެ ޗުއްޓީ ހަމަޖައްސަވަންވާނީ ސުޕްރީމް ކޯޓަށް ހުށަހަޅައި ހުއްދަ ލިބިގެންކަމުގައި ދަންނަވައި ނެރެފައިވާ އާއްމު ސިޓީއާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާބެހޭ އުސޫލާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލުވެސް ހިމެނެއެވެ.