ހަބަރު

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ފަނޑިޔާރު ކަމަށް ސުއޫދަށް ޖޭއެސްސީއިން ތާއިދު

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދަށް "ހައިލީ ރިކޮމެންޑެޑް" ކުރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއޭސްސީ)އިން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފި އެވެ.

މި ދެ ބޭފުޅުންގެ ނަން ރައީސް ސޯލިހު ޖޭއެސްސީއަށް ފޮނުވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ރައީސް ސޯލިހު އެދިވަޑައިގެންނެވީ އެ ބޭފުޅުންނާމެދު ޖޭއެސްސީގެ ލަފާއެއް އެރުވުމަށެވެ.

އެކަމާ ގުޅޭ ގޮތުން މިރޭ ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. ކޮމިޝަނުން ވަނީ ރައީސް ސޯލިހު ފޮނުއްވި ނަންތަކާއި އަމިއްލަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން ޝޯޓް ލިސްޓްކޮށް އިންޓަވިއުކޮށްފަ އެވެ.

އެއަށްފަހު އެކުލަވާލި ރިޕޯޓްގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ޖޭއެސްސީއަށް ފެންނަ ކަމަށް ބަޔާން ކޮށްފައިވަނީ މުއުތަސިމްގެ ނަމެވެ. ސުޕްރީމް ކޯޓު ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ބަޔާން ކޮށްފައިވަނީ ހުސްނުއްސުއޫދުގެ ނަމެވެ. އެ ދެ ބޭފުޅުން "ހައިލީ ރިކޮމެންޑެޑް" ބޭފުޅުންގެ ގޮތުގައި ރައީސްއަށް ލަފާ އެރުވުމަށް ޖޭއެސްސީއިން މިރޭ ނިންމި އެވެ.

ސުއޫދަކީ މިހާރު ވެސް ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މިފަހުން ބާ ކައުންސިލްގެ ރައީސް ކަމަށް ވެސް ވާދަ ކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުން ނާކާމިޔާބުވީ އެވެ.

ކުރީގެ ބަންޑާރަ ނައިބު ސުއޫދުގެ ނަމުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމްގެ ނަން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ސޯލިހު ފޮނުއްވި އެވެ. އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ވަނީ ޝަކުވާތަކެއް ހުށަހެޅިފަ އެވެ.

ގާކޮށީގެ ފްލެޓްގެ މައްސަލައެއް އަމިއްލަ ފަރާތަކުން އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ އެ ނަމާމެދު ގޮތެއް ކަނޑައަޅާނީ އެ މައްސަލަ ބެލުމަށްފަހު ކަމަށް ޖޭއެސްސީއިން މިރޭ ވަނީ ނިންމާފަ އެވެ. ރައޫފަކީ ހައިކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނެވި ފަނޑިޔާރެވެ. ނަމަވެސް މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.