ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުކަމުން އަބްދުލްޣަނީ މުހައްމަދު ވަކި ކުރުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މަގާމް މިމަހުގެ ހަތަރުވަނަ ދުވަހު ހުސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.

ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުން މިމަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލާފައިވާ ކަމަށްވެސް ޖޭއެސްސީ އިން ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުު ވެފައިވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބިވަޑައިގަންނަވާއިރު، ކޮންމެ ފަނޑިޔާރަކަށް ކާރުކޮޅަކާއި ސެކިއުރިޓީ އަދި އެހެނިހެން އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުލްޣަނީ ވަކި ކޮށްފައިވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނެވި މައްސަލަތަކަކާއި ގުޅިގެންނެވެ. އެ މައްސަލާގެ ތަހުގީގަށް ފަނޑިޔާރު ޣަނީ އެއްބާރުލުން ދެއްވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް ޖިނާއީ ހުކުމެއް އައުމުން ސުޕްރީމް ކޯޓުން ހުސްވި ދެ ޖާގައިގެން ކުރެ އެއް ޖާގައަށް ފަނޑިޔާރު ޣަނީ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭރު އޭނާ ހުންނެވީ ހައިކޯޓު ފަނޑިޔާރުގެ މަގާމުގަ އެވެ. އޭނާއާއެކު ސުޕްރީމް ކޯޓަށް ދެން އައްޔަން ކުރެއްވީ އޭރު ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އޭނާ ވެސް ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.

ފަނޑިޔާރު ޣަނީ ހައިކޯޓުގައި އުޅުއްވި ދުވަސްވަރުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާއިރު އޭނާއާ ގުޅޭ އެހެން މައްސަލައެއް ވެސް އަމިއްލަ ފަރާތަކުން މީގެކުރިން އޮތީ އޭސީސީއަށް ވައްދާފަ އެވެ. އެއީ ފަނޑިޔާރު ޣަނީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކާ ގުޅޭ މައްސަލައެކެވެ.

އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ޕެޓީ ކޭޝް ނަގައިގެން ކޮންމެ ދުވަހަކު ފަނޑިޔާރުންގެ މެންދުރުގެ ކެއުން ހަމަޖެއްސުމަށް ކޯޓުގެ މުވައްޒަފަކު، ކޯޓުގެ ވެހިކަލެއްގައި ހުޅުމާލޭގައި ހުންނަ ބޮންބޭދަރުބާރަށް ފޮނުވާ މައްސަލަ އެވެ. މައްސަލާގައި ތުހުމަތު ވަނީ ވަކިކޮށްފައިވާ ދެ ފަނޑިޔާރުންނާއި ފަނޑިޔާރު ޣަނީގެ އިތުރުން ރިޓަޔާ ކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފެވެ.

އެ ފަރިއްކޮޅަކީ ރަނގަޅަށް ހިނގާ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭތީ ސުޕްރީމް ކޯޓަށް މިފަހުން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން އެކަމުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އުއްތަމަފަނޑިޔާރުކަމަށް މިދިޔަ އާދިއްތަ ދުވަހު އައްޔަންކުރެއްވި މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.