ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ތިން މަގާމުގެ ތެރެއިން އެއް މަގާމަށް ސުއޫދު އައްޔަން ކުރުން ރުހުން ދިނުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 64 އަޣުލަބިއްޔަތުންނެވެ. ސުއޫދަށް ރުހުން ދިނުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
ވޯޓުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ވޯޓަށް އެހިއިރު އިދިކޮޅު ކޯލިޝަންގެ މެންބަރުން ގެންދެވީ މަޖިލީހުގެ ރިޔާސަތުނ ކުރިމަތީގައި ތިއްބަވާ އިހުތިޖާޖް ކުރަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ފަހުން މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި ވެސް އިދިކޮޅު މެންބަރުން އިހުތިޖާޖް ކުރެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން އެ ނަމަކަށް ރުހުން ދިނުމުންނެވެ.
އޭގެ ތެރެއިން ހުސްވެފައިވާ އެއް މަގާމަށް އައްޔަން ކުރެއްވި ސުއޫދަކީ މަރުތައް ތަހުގީގު ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވަ ބޭފުޅެކެވެ. އަދި ބަންޑާރަ ނައިބުގެ މަގާމު އޭނާ ފުރުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
އެމްޑީޕީގެ އިސް ހަރަކާތްތަކުން ވެސް މީގެ ކުރިން އެނާ ފެނިފައިވާއިރު، އޭނާ އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރެއްވި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން ވަނީ އޭނާއަކީ ސިޔާސީ ބޭފުޅަކަށްވާތީވެ އޭނާ އައްޔަން ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
އޭގެ އިތުރުން، މަޖިލީހުން ދާދި ފަހަކުން ފާސްކުރި ގާނޫނެއްގެ ދަށުން ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުން އުފައްދާފައިވާ ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ވެސް ސުއޫދު ވާދަ ކުރެއްވި އެވެ. ނަމަވެސް ގާނޫނީ ވަކީލު މައުމޫން ހަމީދާ ވާދަ ކުރައްވައި އޭނާ ނާކިމާބުވެވަޑައިގަތެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އައްޔަން ކުރަން ރުހުން ދިނުމަށް ވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި ހުސްކޮށް ދެން އޮތް މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމް އައްޔަން ކުރަން ލަފައަށް އެދި ރައީސް ސޯލިހް ޖޭއެސްސީއަށް ފޮނުވި އެވެ. އެކަމަކު އޭނާއާ ގުޅޭ ޝަކުވާތަކެއް ޖޭއެސްސީއަށް ހުށަހަޅާފައިވާތީވެ އެ ނަމާ މެދު ޖޭއެސްސީން ވަކި ގޮތަކަށް ލަފައެއް ނުދެ އެވެ. އަދި މަޖިލީހަށް އެ ނަމެއް ރައީސް ނުފޮނުއްވަ އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ދެން ތިއްބެވީ ދާދި ފަހުން އެ ކޯޓަށް އައްޔަން ކުރެއްވި ޑރ. އަޒްމިރަލްދާ ޒާހިރް އާއި، އައިޝަތު ޝުޖޫންގެ އިތުރުން މަހާޒް އަލީ ޒާހިރް އެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނުއިރު، އެ ކޯޓުގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު މިހާރު އެ ކޯޓުގެ ބެންޗަކު ނެތެވެ. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ އަމާޒެކެވެ.