ޝަރުއީ ދާއިރާ

ސުޕްރީމް ކޯޓަށް: އެންމެ ކުރީގައި މިބޭފުޅުން!

މިހާރު ހުސްކޮށް ހުރި ސުޕްރީމް ކޯޓުގެ ބެންޗުގެ ދެ ގޮނޑިއަކީ މި ވަގުތު އެންމެ ބޮޑު ވާދަވެރިކަމެއް އަދި އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ދެ ގޮނޑި އެވެ. ގާނޫނީ ބޭފުޅުންގެ މެދުގައި މިކަމާމެދު މަޝްވަރާތައް ކުރަމުން އަންނައިރު އާންމު ރައްޔިތުންނަށް ވެސް މި ދެ ގޮނޑީގެ މުހިންމުކަން ވަރަށް ބޮޑެވެ. މިހެންކަން އޮތްއިރު މި ދެ ގޮނޑިއަށް ލިސްޓެއް މިހާރު އެބަ އޮތެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަވަސްއަށް ކަށަވަރުވާ ގޮތުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދަކީ ލިސްޓްގެ އެންމެ ކުރީގައި އޮތް އެއް ބޭފުޅެކެވެ. ދެން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރެވެ. އެއަށްފަހު ވެސް އޮތީ އަންހެން ބޭފުޅެކެވެ. މިހާރު ބާ ކައުންސިލްގެ މެންބަރު އަދި ކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދެވެ. މައުލޫމާތު ލިބޭ ގޮތުގައި އެންމެ ގިނަ ބޭފުޅުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގެންނަން ލޮބީ ކުރައްވަމުން ދަނީ މި ތިން ބޭފުޅުންނަށެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން ގާނޫނު އަސާސީގައި ލިޔެފައިވާ އިޖުރާއަތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެންނަ ނަންތަކެއް ރައީސްއަށް ލަފާ އެރުވުމެވެ. އެއަށްފަހު އެ ލަފާގެ މަތިން ރައީސް އެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. ނަންތަކަށް ރުހުން ދޭނީ މަޖިލީހުންނެވެ.

މި އިޖުރާއަތާ އެއްގޮތަށް ޖޭއެސްސީއިން މިހާރު ވެސް ދަނީ ރައީސަށް ލަފާ އަރުވާނެ ނަންތަކާ ގުޅޭ ގޮތުން ދިރާސާ ކުރައްވަމުން ކަމަށްވެ އެވެ. ވަރަށް އަވަހަށް އެ ކޮމިޝަނުން އެ ލަފާ ދެއްވާނެ އެވެ. އެ ލަފާ އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހަމައަށް ދާނެ އެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގު ކުރެއްވި އިސްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބަދަލުގައި ދެން ތިއްބަވާނީ ހަތް ފަނޑިޔާރުންނެވެ. އެ އިސްލާހުގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނެ ވަކި މުއްދަތެއް ކަނޑައެއް ނާޅަ އެވެ. ނަމަވެސް އާންމުކޮށް މިފަދަ ބަދަލުތައް ގެންނަ އިސްލާހުތަކުގައި ވަކި މުއްދަތެއް ކަނޑައަޅަ އެވެ.

އިރުބާރު ހިފޭ ލިސްޓުން ކުރި ހޯއްދަވާ، ސުއޫދަކީ މީގެ ދުވަސްކޮޅެއް ކުރިން ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރެއްވި ބޭފުޅެކެވެ. ގާނޫނީ ވަކީލުން ވޯޓުލީ އިންތިހާބުގައި މައުމޫން ހަމީދާ ވާދަ ކުރައްވާ ނާކާމިޔާބުވެ ވަޑައިގަތީ އެވެ. ސުއޫދަކީ މިހާރު ވެސް ރައީސް އުފައްދަވާފައިވާ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ ރިޔާސީ ކޮމިޝަންގެ ރައީސެވެ.

ސުއޫދަކީ ދައުލަތުގެ ގިނަ މަގާމުތައް އަދާ ކުރައްވައި ޝަރުއީ ދާއިރާގެ ތެރޭގައި މަސައްކަތް ކުރައްވާތާ ވަރަށް ދުވަސްވެފައިވާ ބޭފުޅެކެވެ. އަމިއްލަ މަސައްކަތުން ޝަރުއީ ދާއިރާއަށް ގިނަ އުފެއްދުންތަކެއް ވެސް ދޫކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ޝަރުއީ ދާއިރާ އިސްލާހު ކުރުމާމެދު ވަރަށް ގިނައިން ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ސުޕްރީމް ކޯޓަށް ވެސް އާންމުކޮށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ދެން ހުންނެވި އަޒްމިރަލްޑާއަކީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވިއިރު ގިނަ ބަޔެއްގެ އިހްތިރާމް ހޯއްދެވި ފަނޑިޔާރެކެވެ. ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރުގެ ދަރިކަނބަލުން އަޒްމިރަލްޑާއަކީ އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރު ކަމުގެ ކުރިން ބަންޑާރަ ނައިބު އޮފީހުގައި މަސައްކަތް ކުރެއްވި އެވެ.

ހައިކޯޓުގައި މަަސައްކަތް ކުރައްވަމުން ގެންދެވި ހަމައެކަނި އަންހެން ފަނޑިޔާރު އަޒްމިރަލްޑާ، ކުއްލި ގޮތަކަށް ދެކުނު ގޮފި ހަދައި އައްޑޫ ސިޓީއަށް ފޮނުވާލީ ވެސް އޭނާއަކީ "ގަނެނުލެވޭނެ" ފަނޑިޔާރަކަށްވާތީ ކަމަށް ބުނެ އުޅެ އެވެ.

އޭރު ހައިކޯޓު ދެކުނު ގޮތްޕަށް ފޮނުވާލި ބައެއް ފަނޑިޔާރުން ވެސް އެކަމަށް އެއްބަސްވެ އެވެ. އެކަމަކީ ހައިކޯޓު ރޫޅާލުމަށް ސިޔާސީ ބަޔަކު ކުރި ކަމެއް ކަމަށް އެ ފަނޑިޔާރުން ސިފަ ކުރެ އެވެ. އެތަނަށް ފޮނުވާލި ވަކި މުއްދަތެއް ނޭނގި، އެކަމަށް ޖަވާބެއް ހޯއްދެއްވުމަށް ކުރެއްވި މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބުމުން އަޒްމިރަލްޑާ އޭރު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ އެވެ.

އޭގެފަހުން އަމިއްލަ ލޯފާމެއް ހައްދަވައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އޭނާއަކީ ގާނޫނީ ވަކީލުންގެ މެދުގައި ވެސް ވަރަށް އިހުތިރާމް ބޮޑު ބޭފުޅެކެވެ. ދެން ލިސްޓްގައި އޮތް ސުޖޫންއަކީ ވެސް ހަމަ އެހެން ގާނޫނީ ބޭފުޅުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. އޭނާއަކީ އެންމެ ފުރަތަމަ އަންހެން ގާޒީ ވެސްމެ އެވެ. ސްކޫލް ދުވަސްވަރު ރީއްޗަށް ލަވަ ވިދާޅުވި ސުޖޫންއަށް ގާޒީކަން ލިބި ވަޑައިގެންނެވީ ރައީސް މައުމޫންގެ ވެރި ކަމުގައި ޖުލައި 11، 2007 ގައެވެ.

ސުޖޫންއާ ގުޅޭ އެންމެ ފާހަގަކޮށްލެވޭ ހާދިސާއަކީ އޭނާ ހޭޔަންބޯއަށް ދެއްވި އިންޓަވިއުގައި ފަސް މިލިއަން ޑޮލަރުގެ ރިޝްވަތަށް އޭނާ އިންކާރު ކުރެއްވި ކަމަށް ވިދާޅުވި ވިދާޅުވުމެވެ. މުހިންމު ހުކުމްތަކެއް ސިވިލް ކޯޓުގައި ކުރެއްވި ސުޖޫންގެ އެ ވާހަކަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ވެސް ކުރި އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އޭރު އޭނާ ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުން ކުރަމުންދިޔަ މަސައްކަތާ ދެކޮޅަށް ސިވިލް ކޯޓުން ފާސްކުރި ގަރާރުގައި ވެސް ސޮއި ކުރައްވާފަ އެވެ.

އަބަދުވެސް އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ވަކާލާތަކު ކުރައްވަމުން ވަޑައިގެންނެވި ސުޖޫން ވަނީ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ) އަށް ދެ ފަހަރަށް އިންތިހާބުވެ ވަޑައިގެންފަ އެވެ.

ގާނޫނީ ވަކީލަކު ވިދާޅުވީ ގިނަ ބަޔަކު ލޮބީ ކުރައްވާ ތިން ބޭފުޅުންނަކީ ވެސް މަގާމަށް ވަރަށް އެކަށީގެންވާ ތިން ބޭފުޅުންނެވެ. އަދި އޭގެ ތެރޭގައި އަންހެން ބޭފުޅުން ހިމެނުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމާ މިހާރު ވެސް ވަނީ ފާޑުކިޔަން ފަށާފަ އެވެ.

ޕީޕީއެމްއިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނުސީދާ ގޮތެއްގައި ސުއޫދަށް ފާޑުކިޔެ އެވެ. "އެމްޑީޕީ ކުލަޖެހިފައި" ތިބި ބޭފުޅުން ސުޕްރީމް ކޯޓަށް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމެއް ކަމަށާއި އޭރުން ރައްޔިތުންނަށް ލިބޭނެ އިންސާފެއް އޮންނާނެ ކަމާމެދު އެ ޕާޓީއިން ސުވާލު އުފެއްދި އެވެ.

އިހު އޮތް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ފަހަކަށް ތިރިކޮށް ދެ ފަނޑިޔާރުން މަގާމުން ބޭރުކޮށްލީ މިދިޔަ ރައްޔިތުންގެ މަޖިލީހުންނެވެ. އެއީ އެ ފަނޑިޔާރުންނަށް ދިން ސިޔާސީ އަނިޔާއެއް ކަމަށް ބުނެ ބައެއް ބޭފުޅުން ވަނީ އެ ދެ ފަނޑިޔާރުން އަލުން ގެނައުމަށް ވެސް ގޮވާލައްވާފަ އެވެ. ސަރުކާރުން ބުނާހާ ގޮތެއް ނުހެދުމުން ދިން އަނިޔާއެއް ކަމަށް ވިދާޅުވެ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އެ ދެ ފަނޑިޔާރުން އަލުން މަގާމަށް ގެނައުމެވެ.

ނަމަވެސް އެއީ މާ ތާއީދު ލިބޭނެ ހުށަހެޅުމެއް ކަމަކަށް ނުބެލެވެ އެވެ. އަދި އެކަމަށް އަހުމަދު ފާއިޒު ހުސައިނާއި އަހުމަދު މުއުތަސިމް އަދުނާން ވެސް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރައްވައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ލިސްޓްގެ އެންމެ ކުރީގައި ތިން ބޭފުޅުން އުޅުއްވާއިރު މިހާރު ހުސް ދެ ޖާގަ އޮތް ނަމަވެސް އަދިވެސް ސުޕްރީމް ކޯޓުގެ ބެންޗުން ހުސް ގޮނޑިއެއް ފެނުނުން ވަރަށް އެކަށީގެންވެ އެވެ. ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަ އެވެ. އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގު ކޮމެޓީއިން ބެލުމަށްފަހު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ މެންބަރުންނަށް ވަނީ ލަފާ އަރުވާފަ އެވެ. އެ ލަފާ ބަލައިގަނެ ފަނޑިޔާރަށް ޖަވާބުދާރީވާން މިހާރު އޮތީ ފުރުސަތު ދީފަ އެވެ. ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީގައި އެބަ އޮތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް އަލަށް ގެނައި ދެ ފަނޑިޔާރުންނަކީ ވެސް ހައިކޯޓުން ނެގި ދެ ފަނޑިޔާރުންނެވެ. އެހެންވީއިރު މިފަހަރު ވެސް ސުޕްރީމް ކޯޓުގެ ބެންޗަށް ހައިކޯޓުން ފަނޑިޔާރަކު ވަޑައިގަންނަވާ ގޮތަށް ވެގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހައިކޯޓުގައި ވެސް ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ސުޕްރީމް ކޯޓަށް ގާބިލް ދެތިން ފަނޑިޔާރުން އެބަ ތިއްބެވި އެވެ. އެގޮތުން ބައެއް ބޭފުޅުން ގެންނަވާ ނަންތަކުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ހަމީދާއި ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި އަލީ ސަމީރުގެ ނަން ހިމެނެ އެވެ.

ކޮންމެއަކަސް ސުޕްރީމް ކޯޓުގެ ބެންޗަށް ކޮން ގޮތަކަށް ބަދަލު އައި ނަމަވެސް އެވެގެން ދާނީ ވަރަށް ޝައުގުވެރި، މުހިންމު ބަދަލަކަށެވެ. އަންހެން ބޭފުޅަކު ވަޑައިގެންފިނަމަ ތާރީހީ ވެސް ބަދަލަކަށެވެ. ޝަރުއީ ދާއިރާގެ އިސްލާހަށް އެންމެން ވެސް ބޭނުންވެފައިވާއިރު ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތުގެ ފަނޑިޔާރުންގެ ބެންޗުވެގެން ދާނީ އެންމެ މުހިންމު ބެންޗަށެވެ.