ހަބަރު

މުއުތަސިމާއި ސުއޫދުގެ ނަން ކޮމިޓީއަށް

Dec 2, 2019
2

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔާ އެއްގޮތަށް އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

މި ދެ ބޭފުޅުންގެ ނަން ރައީސް ސޯލިހު ޖޭއެސްސީއަށް ފޮނުވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ރައީސް ސޯލިހު އެދިވަޑައިގެންނެވީ އެ ބޭފުޅުންނާމެދު ޖޭއެސްސީގެ ލަފާއެއް އެރުވުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށާއި އުއްތަމަ ފަނޑިޔާރު ކަމަށް ނަން ނޮމިނޭޓް ކުރުމުގެ އިހްތިޔާރު ރައީސްއަށް އޮވެ އެވެ.

އެކަމާ ގުޅޭ ގޮތުން މިރޭ ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. ކޮމިޝަނުން ވަނީ ރައީސް ސޯލިހު ފޮނުއްވި ނަންތަކާއި އަމިއްލަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން ޝޯޓް ލިސްޓްކޮށް އިންޓަވިއުކޮށްފަ އެވެ.

އެއަށްފަހު އެކުލަވާލި ރިޕޯޓްގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ޖޭއެސްސީއަށް ފެންނަ ކަމަށް ބަޔާން ކޮށްފައިވަނީ މުއުތަސިމްގެ ނަމެވެ. ސުޕްރީމް ކޯޓު ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ބަޔާން ކޮށްފައިވަނީ ހުސްނުއްސުއޫދުގެ ނަމެވެ. އެ ދެ ބޭފުޅުން "ހައިލީ ރިކޮމެންޑެޑް" ބޭފުޅުންގެ ގޮތުގައި ރައީސްއަށް ލަފާ އެރުވުމަށް ޖޭއެސްސީއިން ރޭ ނިންމި އެވެ.

އެ ދެ ބޭފުޅުންނާމެދު ގޮތެއް ނިންމުމާމެދު މަޖިލީހަށް ރައީސް ސޯލިހު ހުށަހެޅުއްވީ އިއްޔެ އެވެ. މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިފައިވާކަން އިއުލާނު ކުރައްވައިފަ އެވެ.

އެ ދެ ބޭފުޅުން މަގާމަށް އައްޔަނުކުރުމާމެދު ޖުޑީޝަރީ ކޮމިޓީން ނިންމާ ނިންމުމެއް އެނބުރި ތަޅުމަށް އައުމުން، މަޖިލީހުން އެކަމަށް ވޯޓަށް އަހާނެ އެވެ.

ސުއޫދަކީ މިހާރު ވެސް ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މިފަހުން ބާ ކައުންސިލްގެ ރައީސް ކަމަށް ވެސް ވާދަ ކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުން ނާކާމިޔާބުވީ އެވެ.

ކުރީގެ ބަންޑާރަ ނައިބު ސުއޫދުގެ ނަމުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމްގެ ނަން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ސޯލިހު ފޮނުއްވި އެވެ. އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ވަނީ ޝަކުވާތަކެއް ހުށަހެޅިފަ އެވެ.

ގާކޮށީގެ ފްލެޓްގެ މައްސަލައެއް އަމިއްލަ ފަރާތަކުން އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ އެ ނަމާމެދު ގޮތެއް ކަނޑައަޅާނީ އެ މައްސަލަ ބެލުމަށްފަހު ކަމަށް ޖޭއެސްސީއިން މިރޭ ވަނީ ނިންމާފަ އެވެ. ރައޫފަކީ ހައިކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނެވި ފަނޑިޔާރެވެ. ނަމަވެސް މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކުރުމުގެ މަސައްކަތް ފެށީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ އެވެ.

މުއުތަސިމްއަކީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އުފައްދައި އެ ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ފަނޑިޔާރުންގެ ގާނޫނަށް ކުއްލި ބަދަލެއް ގެނެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް މުއުތަސިމްގެ މަގާމު ގެއްލުވާލި އެވެ. އޭނާއާއެކު ކުރީގެ މަޖިލީހުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވެސް ވަކިކުރި އެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަންކޮށްފިނަމަ އެ ބޭފުޅާ ވެގެން ދާނީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުންގެ ތެރެއިން މިހާރު ސުޕްރީމް ކޯޓުގައި ހުންނަވާ ހަމައެކަނި ބޭފުޅާއަށެވެ.

ފާއިޒްގެ މަގާމު ގާނޫނަށް ބަދަލު ގެނެސް ގެއްލުވާލިއިރު ދެން ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މަގާމު ގެއްލުނީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު ޖިނާއީ ކުށެއް ސާބިތުވެގެން އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދު ކުރުމާ ގުޅިގެންނެވެ.