ހަބަރު

"ބަދަލު އިހްސާސްވީ ސުޕްރީމް ކޯޓު އިސްލާހު ކުރުމުން"

އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް މީގެ އެތައް އަހަރެއް ކުރިން ފެށި މަސައްކަތުގެ ނަތީޖާ މާނަވީ ގޮތެއްގައި ރައްޔިތުންނަށް އިހްސާސްވާން ފެށީ މި އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބޮޑު ބަދަލާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން ރައީސް އެންމެ އިސްކަމެއް ދެއްވީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރެއްވުމަށެވެ. އެގޮތުން އެ ކޯޓުގައި ކުރިން ތިއްބެވި ހުރިހާ ފަނޑިޔާރުން އެކި ސަބަބުތަކާހުރެ މަޖިލީހުން ވަކި ކުރި އެވެ. އެއަށްފަހު އެ މަގާމުތަކަށް ރައީސް އައްޔަން ކުރައްވާފައިވަނީ މުޅިން އާ ބެންޗެކެވެ. އޭގެ ތެރޭގައި ދެ އަންހެން ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީއަށް 15 އަހަރު ފުރުމާއެކު ނެރެން ފެށި "ހަބަރު ސިޓީ"ގެ ފުރަތަމަ އަދަދުގައި ރައީސް ސޯލިހު، "އެމްޑީޕީގެ ފެށުން - އިންސާފު ހޯދައިދިނުން"ގެ ނަމުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއަކީ 15 އަހަރަށްވުރެ މާ ދޮށީ ޕާޓީއެއް ކަމަށެވެ. އެމްޑީޕީގެ ސިޔާސީ މަސައްކަތްތައް ފެށިގެން އައި ވަރަށް ގިނަ ބައެއް އޭރު ތަހައްމަލު ކުރަމުން ދިޔަ ބޭއިންސާދާއި އަނިޔާވެރިކަމުން ގައުމު މިންޖުކުރުމުގެ ހެޔޮ ނިޔަތުގައި އެ އުއްމީދުގައި ކަމަަށެވެ.

"1990 ގެ އަހަރުތަކުގައި ފެށި މި މަސައްކަތުގެ ނަތީޖާ މާނަވީ ގޮތެއްގައި ރައްޔިތުންނަށް އިހްސާސް ކުރެވެން ފެށީ މި އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު މުހިންމު ބަދަލުތަކާއެކުގައި ކަމަށް އަޅުގަނޑު ގަބޫލުކުރަން، އެތައް އަހަރުތަކެއް އެމްޑީޕީގެ މެންބަރުން ހޭދަކުރީ ބުރަ މަސައްކަތުގައި މިފަދަ ބަދަލުތައް ހޯދަން،" ރައީސް ލިޔުއްވާފައިވެ އެވެ.

ރައީސް ސޯލިހު އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، ވެރިކަމުގެ ނިޒާމާއި ގާނޫނު އަސާސީއާއި ތިން ބާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އައިއިރު ރައްޔިތުންގެ އުއްމީދުތަކާ އެއް މިންވަރަކަށް ބަދަލުތައް އައުން އެންމެ ފަހުން ފެށުނީވެސް އިންސާފު ގާއިމް ކުރުމުގެ ދާއިރާއިން ކަމަށެވެ. ތަފާތު އެތައް ތަޖުރިބާތަކަކަށްފަހު މި ބަދަލުތައް މިހާރު ފެންނާން ފަށާފައިވާކަމީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އިންސާފު ހޯދައިދީ އައި އިންސާފު ލިބިދޭނެ ނިޒާމެއް އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑަށް އެނގޭ، މި ބިޔަ ބޮޑު ކަމަކީ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ވަށާ ޖެހުނީމަ ލިބޭ ނަތީޖާއެއް، ގާނޫނުތައް އިސްލާހު ކުރުމާއި އެކަމަށް ބޭނުންވާ މީހުން އުފެއްދުމާއި ވަސީލަތްތައް ގާއުމް ކުރުމާއި ތަމްރީނުގެ ފުރުސަތުތައް ގާއިމް ކުރުމާއި ތަމްރީނުގެ ފުރުސަތު ލިބުން ފަދަ ކަންކަމަކީ އެކުއެކީގައި ހިނގާން ޖެހޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާއާ ގުޅިގެން ހުރި އެހެނިހެން މުއައްސަސާތައް ވެސް އެކު އެކީގައި އިސްލާހު ކުރަން ޖެހޭކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

"މިކަން ކުރުމުގައި އިތުރު ވަކި އެހެން ނިޔަތެއް ނެތި މަސައްކަތް ކުރާނެ ބަޔަކީ ވެސް އެމްޑީޕީގެ މެންބަރުން، އެމްޑީޕީގެ މެންބަރުން މީގެ ވިއްސަކަށް އަހަރު ކުރިން ކުރަން ފެށި ދަތުރު ނިންމާލުމާ ގާތަށް ވެސް އައި ނުދޭ، އަޅުގަނޑުމެން އަދިވެސް މިތިބީ ދަތުރު މަތީގައި" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެދެވަޑައިގަންނަވަނީ އެންމެ އެދުމަކަށް ކަމަށާއި އެއީ މި މަސައްކަތް ކުރަން ފެށި ސަބަބު އެންމެ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާނުލުން ކަމަށެވެ. އެމްޑީޕީއާއެކު ހުރިހާ މެންބަރުން ވެސް ދެމި ތިއްބެވުމަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ކުރާނީ ތިޔަބޭފުޅުންނާއެކު، އެމްޑީޕީއާއެކު،" ރައީސް ސޯލިހުގެ ލިޔުން ނިންމާލައްވަމުން ލިޔުއްވި އެވެ.