ހުޅުދެލި

މޫނު ބުރުގާ އަޅާތީ ވަޒީފާ ނުދިން

ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ކަމަށް ބުނެ ވަޒީފާ ނުދިނެވެ.

ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ ވަޒީފާއަށް ކުރިމަތިލި މި އަންހެން މީހާ ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކޯޓަށް އަންގާފައިވާ ކަމަށް ކޯޓުން އޭނާ ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.

ޑީޖޭއޭ އިން ހުޅުދެލި ކޯޓަށް ވަކި އެންގުމެއް އެންގީ އެ ކޯޓުގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ މައުލޫމާތާ އެކު އެމީހުން އަޅާ ހެދުމުގެ މައުލޫމާތު ކޯޓުން ޑީޖޭއޭއާ ހިއްސާކުރުމުންނެވެ.

ޑީޖޭއޭއާ ހަވާލާދީ ކޯޓުން އަންހެން މީހާއަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.

"ކެންޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ،" ކޯޓުގެ އީމެއިލްގައިވެ އެވެ.

ހުޅުދެލި ކޯޓުގެ އީމެއިލްއާއި ގުޅިގެން ޑީޖޭއޭގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.