ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީ ހިންގި އިމާރާތަށް ބަދަލުކުރަން ނިންމައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުން އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމީ، މިހާރު އެ ކޯޓު ހިންގަމުންދާ ހަތަރު ފަންގިފިލާގެ އިމާރާތް ވަރަށް ބޮޑަށް ބައުވެ، ހަލާކުވެފައިވާތީ ކަމަށެވެ. އަދި އެ އިމާރާތް ބޭނުންކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރުވެސް ރައްކާތެރި ގޮތެއް ކަމުގައި ނުވާތީ ކަމަށެވެ.
މިގޮތުން ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީ އިމާރާތުގައި އެ ކޯޓު ހިންގުމަށް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ފެސިލިޓީ އިމާރާތަށް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ޑީޖޭއޭއިން ބުނެ އެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ ކޮވިޑް ފެސިލިޓީއަށް ކުރަންޖެހޭ މަރާމާތުތައް ކުރަމުން. ހޮސްޕިޓަލެއްގެ ބޭނުމަށް ހަދާފަހުރި ތަނެއް ވީމަ ކޯޓެއް ހިންގަން ބައެއް ބަދަލުތައް ގެންނަން ޖެހޭ. އެއަށްފަހު އެ އިމާރާތައް ކްރިމިނަލް ކޯޓުގެ މަސައްކަތް އެއްކޮށް ބަދަލުކުރެވޭނެ،" ޑީޖޭއޭގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އުސޫލުގެ ދަށުން އަދި ޝިފްޓު ޑިއުޓީގެ އުސޫލުން މިވަގުތު ކުރާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފަ އެވެ.